ތުޅާދޫގައި 100 ފްލެޓު އިމާރާތްކުރުމުގެ މަޝްރޫޢެއް މިއަހަރު ހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، މި މަޝްރޫޢު މިހާރުވަނީ ޓެންޑަރިންގ މަރުހަލާގައި ކަމަށާއި، ބަޔަކު މިހާރުވަނީ ކުރިމަތިލާފައެވެ. އަދި މި މަޝްރޫޢުގެ ޕޮއިންޓު ދިނުން ކުރިއަށްދާނީ ރައްޔިތުން އެދޭގޮތަށް ކައުންސިލުން ކަނޑައަޅާގޮތަށް ވުޒާރާއިން ފާސްކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތުޅާދޫގެ ތަރައްޤީއަށް ވެފައިވާ އެހެނިހެން ވަޢުދުތަކުގެ ތެރޭގައި މަގުހެދުމުގެ މަޝްރޫޢު ހިމެނޭ ކަމަށާއި، މިހާރު އެ މަސައްކަތް ވަނީ އާރުޑީސީއާ ހަވާލުކޮށްފައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ތުޅާދޫގައި އަމިއްލައަށް ހިއްކާފައިވާ 119 ގޯތި އަމިއްލަކުރުމުގެ މަސައްކަތްވެސް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ސިއްޙީ ދާއިރާއަށް ބަލާއިރު، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރެއް ވަރަށް އަވަހަށް ތުޅާދޫގައި ޤާއިމްވެ ޚިދުމަތްދޭން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. "ޖުމްލަކޮށް ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް އަންނަ އަހަރު ބަޖެޓުގައި މުވައްޒަފުން ހޯދުމާއި ވަސީލަތް ހޯދުންވެސް އެބައޮތް" ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ އެދުމުގެ މަތިން، އެނބޫދޫ ޕިކްނިކް ރަށަކަށް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ތުޅާދޫގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް ފުރިހަމަކޮށް ރައްޔިތުންގެ އުންމީދު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.



