ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް - ފޮޓޯ: ސަން

ކުރީ ސަރުކާރުތަކުން ފެލިވަރާއި ކޫއްޑޫ ގަސްދުގައި ތަރައްޤީ ނުކުރީ: ރައީސް ޞޯލިޙް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ މުހިންމު ދެތަން ކަމުގައިވާ ފެލިވަރާއި ކޫއްޑޫ ތަރައްޤީ ނުކުރެވުނީ ނޫން ކަމަށާއި، ކުރީގެ ސަރުކާރުތަކުން އެކަން ނުކުރީކަމަށް ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ.

ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޞޯލިޙް ވިދާޅުވީ، ތުޅާދުއަކީ މަސްވެރި ރަށެއް ކަމަށާއި، އަބަދުވެސް މަހަށް ހެޔޮ އަގުލިބި މަސްވެރިންނަށް ރަނގަޅު ގޮތްތައްވުން އެދިވަޑަިގަންނަވާނެ ކަމަށާއި، މުޅި ސިނާއަތަށް ބޮޑު ބަދަލެއް ގެންނަވަމުން ގެންދަވާ ކަމަށެވެ.

"ވޭތުވެދިޔަ ސަރުކާރުތަކުން ވަރަށްބޮޑަށް އިހުމާލުވެފައި އޮތް ސިނާއަތެއް މަސްވެރިކަމުގެ ސިނާއަތަކީ. ވަރަށް އަޑަށް ބާރުލާފައި ކޮންމެ ސިޔާސީ ބޭފުޅަކު އެބަ ވިދާޅުވޭ ތިމަންނަމެން މިހެންނޭ ކަންތައްކުރީ، މިކަމޭ ކުރާނީ، އެކަމަކު ބައްލަވާ މި އިންޑަސްޓްރީއަށް މިއޮތް ފެލިވަރަށާއި ކޫޑޫއަށް 40 އަހަރު 30 އަހަރުވެގެން ދިޔައިރުގައި ފުރަތަމަ ކުރި އިންވެސްޓްމަންޓްގެ އިތުރަށް އެތަން ތަރައްޤީކޮށްލުމަށްޓަކައި ނެތޭ ކުޑަ މިންވަރެއްވެސް އެތަނަށް ޚަރަދުކޮށްފައެއް. ރާއްޖޭގެ މަސްވެރިން އެއަށްވުރެ މާ ތަރައްޤީވެއްޖެ، ދޯނިތައް ބޮޑެތިވެއްޖެ، ފިޝްފައިންޑަރާއި އަނެކައްޗަކާއި ހޯދައިގެންގޮސް މަސް ހުރި ތަނަކަށްގޮސް މަސް ބާނައިގެން އެބައާދޭ. އެހެންނަމަވެސް ސަރުކާރަކަށް އެކަމެއް ނުކުރެވުނު. އެހެންނޫނީވިއްޔާ ނުކުރީ. ނުކުރެވުނީކީވެސް ނޫން. ނުކުރީ. ކުރިނަމަ ޤައިމުވެސް ކުރެވޭނެ." ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވެ ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަދުގެ ސަރުކާރުން ފެލިވަރާއި ކޫއްޑޫ ތަރައްޤީކުރަމުންގެންދާ ކަމަށާއި، ތުޅާދޫ މަސްވެރިންނަށް ވަގުތީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ތުޅާދޫ ކައިރީގައި ވަގުތީގޮތުން މަސް ގަންނާނެ ބޯޓެއް ބާއްވާނެ ކަމަށެވެ.

"މިސަރަހައްދުގައި އެކުއަމެރިން އިންޑަސްޓްރީ ތަރައްޤީކުރުމަށްޓަކައި ޕްރައިވެޓް ފަރާތްތަކަށް އަޅުގަނޑުމެން ލޯނުގެ އެހީތެރިކަން ފޯރުކޮށްދޭނަން. އަދި ވޭސްޓް މެނޭޖްމަންޓް ސެންޓަރު މިހާރު އޮތީ ޕްރީ-ޓެންޑަރިންގ މަރުޚަލާގައި. އިރާދަކުރެއްވިއްޔާ މިތަނުގެ ވޭސްޓް މެނޭޖްކުރެވޭނެ ޒަމާނީ ވަސީލަތްތަކެއް މިރަށުގައި ޤާއިމުކުރެވިގެންދާނެ." ތުޅާދޫ ރައްޔިތުންގެ އެހެނިހެން ބޭނުންތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ތުޅާދޫގައި ގްރޭޑް 12 އަށް ކިޔަވައިދެއްވަން ފެއްޓެވުމަށްވެސް ރައީސް މިރޭ އާބަސް ވިދާޅުވިއެވެ.

"ދެން އޮތީ މިރަށުގެ ސްކޫލް ގްރޭޑް 12 އަށް ކިޔެވުމަށް ހުށައަޅާފައި އޮތް ހުށައެޅުން. އެޑިޔުކޭޝަން މިނިސްޓްރީއާއި އަޅުގަނޑު މި މަޝްވަރާ ކުރާނަން. އަޅުގަނޑުހިތުން މިއަކީ އިޝޫއަކަށް ނުވާނެ. ކުދިން ތިބެއްޖެކަމަށްވާނަމަ މިތަނުގައި ގްރޭޑް 12 އާއި ހިސާބަށް ކިޔެވޭގޮތް އަޅުގަނޑު އިރާދަކުރެއްވިއްޔާ ހަދައިދޭނަން." ރައީސް ވިދާޅުވިއެވެ.

މިއީ ތުޅާދޫއަށް މިހާތަނަށް ކުރިއަށްއޮތް ދައުރުގައި ސަރުކާރު ކޯލިޝަނުން ކުރަން ނިންމާފައިހުރި ބައެއް ކަންތައްތައް ކަމަށާއި، މި ވެރިކަން ކުރިއަށްދާއިރުގައި އެރަށަށް ބޭނުންވާ އިތުރު ކަންތައްތައް އައުމުން އެއަށް އިޖާބަދެއްވާނެކަމުގެ ޔަޤީންކަން ތުޅާދޫ ރައްޔިތުންނަށް މިރޭ ރައީސް ދެއްވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ