ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް - ފޮޓޯ: ދައުރު

ރައީސް ތުޅާދޫއަށް: ހަފްތާއެއްތެރޭ އެއާޕޯޓް ފަށައި، އިންޑަސްޓްރިއަލް ޒޯނަކާއި، ޕިކްނިކް އައިލެންޑެއް ހަދައިދޭނަން

ބ. އަތޮޅު ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ތުޅާދޫ ރައްޔިތުންނާ ބައްދަލުކޮށް މިރޭ ވިދާޅުވީ، ތުޅާދޫ ރައްޔިތުންނަށް ބޭނުންވެފައިހުރި ބައިވަރު ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް މި ފަސް އަހަރު ތެރޭގައި ކުރެވެމުންދާއިރު، ބައެއް ކަންކަން ނިމިފައިވާ ކަމަށެވެ.

ތުޅާދޫ ރައްޔިތުން އެންމެ ބޮޑަށް އެދެމުންދިޔައީ އެއާޕޯޓް އަޅައިދެއްވައި، ކައިރީގައި މިހުރި ރަށްރަށަށްވެސް ފަސޭހައިން ދަތުރުކުރެވޭނެ ފަސޭހަ ލުއި ގޮތްތަކެއް ހޯއްދަވައިދެއްވަން ކަމަށް ރައީސް ޞޯލިޙް ވިދާޅުވިއެވެ.

"ތެދެއް އަޅުގަނޑުމެންގެ ސިޔާސަތެއް 20 -30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓް އެޅުން. އެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ތުޅާދޫގައިވެސް އެއާޕޯޓެއް އެޅުމަށް އަޅުގަނޑުމެން ނިންމީ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަންނަ ހަފްތާ ނިމުމުގެ ކުރިން ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށާތަން ފެނިގެންދާނެ ކަމަށެވެ.

"މިއަދު އެވަނީ ކޮންޓްރެކްޓް ކުރެވިފައި، މިތަނުގައި އަމަލީ މަސައްކަތް ފަށަން އައިސް އެތިބީ. އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާ ނިމުމުގެ ކުރިން ތިޔަބޭފުޅުންނަށް މިތަނުގައި އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާތަން، އެ 44 ހެކްޓަރު ހިއްކަން ފަށާތަން ތިޔަބޭފުޅުންނަށް ފެނިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތުޅާދޫގެ ތަރައްޤީއަށްޓަކައި އަދިވެސް ބޭނުންވާނެ ކަންތައްތައް ހުންނާނެ ކަމަށާއި، އެރަށުގައި އިންޑަސްޓްރިއަލް ޒޯނެއް ތަރައްޤީކޮށް، މަގުތައް ހަދައިދެއްވާނެ ކަމަށެވެ.

"ކުރިއަށް އޮތް ދައުރުތެރޭގައި މިރަށުގެ ބިން އިތުރުކޮށް އިންޑަސްޓްރިއަލް ޒޯނެއް އަޅުގަނޑުމެން ހަދައިދޭނަން. އިތުރަށް އަނެއްކާވެސް ބިން ބޮޑުކުރަނީ. އަދި މިރަށުގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް މިރަށް ތަރައްޤީކޮށްދޭނަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ތުޅާދޫ ބީޗް ތަރައްޤީކޮށް، ޕިކްނިކް އައިލެންޑެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށްވެސް ރައީސް ޞޯލިޙް މިރޭ ވިދާޅުވިއެވެ.

"މިރަށުގެ ބީޗް އޭރިއާ ތަރައްޤީކޮށް ޕިކްނިކް އައިލެންޑެއް މިތަނުގައި އަޅުގަނޑުމެން ތަރައްޤީކޮށްދޭނަން. އަދި ޒުވާނުން އެދިފައިއޮތްގޮތަށް މިތަނުގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅުގަނޑުމެން އަޅައިދޭނަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ބައެއް އެހެން ކަންކަން ތުޅާދޫއަށް ކޮށްދެއްވަން ރައީސް ޞޯލިޙް ވަނީ މިރޭ ވަޢުދުވެވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ