ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ މާމަޑުއްވަރީގެ އެއްބަސްވުން އުވާލައި، އެރަށް ހިތާދޫގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތަށް މަސައްކަތްކުރުމަށް ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ހިތާދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ހިތާދޫގެ ތަރައްޤީއަށް އިސްކަންދީގެން ކުރަންހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސާބިތުވެ ތިބޭނެ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި މަޝްރޫޢުތައް ހިންގުމަށް ވަރަށް ބޮޑަށް ތައްޔާރުވެ، މަޝްރޫޢުތައް ހިންގޭނެ ގޮތްތައް ހޯދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ސޮއިކުރެވުނު ދެ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ހިތާދޫގެ ބިން ހިއްކުމާއި، ސްކޫލްގެ މަލްޓިޕާޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތަކީ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫޢުތަކެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސިއްޙީ ދާއިރާއިން އައު ޢިމާރާތެއް އެޅުމަށް ފެނަކައާ ހަވާލުކޮށްފައިވާ ކަމަށާއި، މި މަޝްރޫޢުން ސިއްޙީ މަރުކަޒަށް ޖާގަ އިތުރުވެ، ލެބޯޓަރީގެ ޚިދުމަތާއި ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.
"ކުޅިވަރުގެ ދާއިރާއިން އަޅުގަނޑު ވަޢުދުވި ބައެއް ކަންކަން ފުއްދާނަން. މިގޮތުން މިއަހަރު ތެރޭގައި ފުލް ސްކޭލް ފުޓްބޯޅަ ދަނޑެއް އަޅަން ފަށާނަން. މީގެ އިތުރުން ވޮލީ ކޯޓެއް އެޅުމުގެ އަމަލީ މަސައްކަތްވެސް މިއަހަރު ފެށޭނެ," ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެ ކަމަށެވެ. އަދި މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ތާރީޚީ ގޮތުން ހިތާދޫއާ ގުޅުންހުރި ރަށެއްކަމަށްވާ މާމަޑުއްވަރީއަކީ މިވަގުތު ޓޫރިޒަމަށް ދޫކޮށްފައިވާ ރަށެއް ނަމަވެސް، އެއްވެސް މަސައްކަތެއް ނުހިނގާކަން ފާހަގަކުރައްވައި، އެރަށަކީ ހިތާދޫގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ރަށެއްކަމަށް ރައީސް ވިދާޅުވިއެވެ.



