ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ޒިޔާރަތްކުރައްވާފައެވެ. މި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާމެދު މަޝްވަރާކުރައްވާފައިވެއެވެ.

ދަތުރުފުޅުގެ ތެރޭގައި ފާހަގަކޮށްލެވޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ތަޢާރަފުކުރެއްވުމާއި، މާޅޮސް، ފެހެންދޫ، ތުޅާދޫ އަދި ގޮއިދޫގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތް ފެއްޓެވުން ހިމެނެއެވެ. އަދި މާމަޑުއްވަރީ ހިތާދޫއާ ހަވާލުކުރެއްވުމަށާއި އިންނަފުށި ފުޅަދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާކަންވެސް ވަނީ އިޢުލާންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކޮންމެ ރަށެއްގައިވެސް ހިނގަމުންދާ އަދި ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެވުނެވެ.

ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތާއި ދަރަވަންދޫ އެއަރޕޯޓު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެވެ. އަދި 2025 އަދި 2026 ވަނަ އަހަރަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ރައްޔިތުންނާ ހިއްސާކުރެވުނެވެ.

ދަތުރުފުޅުގެ ތެރޭގައި ބޭއްވެވި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި، ރައްޔިތުން ބާރުވެރިކުރުވުމުގެ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ