ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ އުސޫލުތައް މުރާޖަޢާކުރުމާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގައި މުހިންމު މާލީ ނިންމުންތައް ނިންމުމުގެ އުސޫލުތައް ކަނޑައެޅުމެވެ.
އިޞްލާޙުގެ ދަށުން، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވިޔަފާރީގެ މަސައްކަތްތަކަށް ވަކި ޝަރުޠުތަކެއް ކަނޑައަޅައި، ޤާނޫނާ ޚިލާފުވާ ޙަރަކާތްތައް 90 ދުވަހުގެ ތެރޭގައި ހުއްޓާލަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ބިންތަކާއި ޢިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގޭނެކަމަށްވެސް ކަނޑައަޅާފައިވެއެވެ.
ކައުންސިލްތަކުގެ ޢުމުރު ހަމަވާން 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، މުވައްޒަފުން ހަމަޖެއްސުމާއި، ބިމާއި ފަޅާއި ފަރު ސަރަޙައްދު ކުއްޔަށް ދިނުމާއި، އައު ތަރައްޤީގެ މަޝްރޫޢުތައް ފެށުމުގައި މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެއެވެ.
"މި އިޞްލާޙުތަކަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ގެންނަންޖެހޭ އިޞްލާޙުތަކެއް، އަދި މިއީ އެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި ގެންނެވި އިޞްލާޙްތަކެއް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މި ބިލު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި، މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.



