ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ޝަރަފު އެރުވުމަށް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި އުތީމު ރައްޔިތުން އަދާކޮށްފައިވާ އިސް ދައުރަށް ރިޢާޔަތްކޮށެވެ.
މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 10:00 ގައި އުތީމުގައި ބޭއްވޭ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުންވެސް އޮންނާނެއެވެ.
މި އަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 3 ބޭފުޅުންނަށެވެ. އޭގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ އެ ބޭފުޅެއްގެ ހަނދާނަށެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ލިބިވަޑައިގަންނަވާނެއެވެ.
ޤައުމީ އިނާމާ ބެހޭ ކޮމިޓީން ހޮއްވެވި ފަރާތްތަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.
އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ އެންމެ އިހުން ފެށިގެންނެވެ. ޤައުމީ ފެންވަރުގައި އުތީމުގައި އެންމެ ފުރަތަމަ ޤައުމީ ދުވަސް ފާހަގަކުރީ 1951 ވަނަ އަހަރު، ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގައެވެ. އަދި ދެވަނަ ފަހަރަށް ޤައުމީ ފެންވަރުގައި އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރީ 1980 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އެއީ މިހާތަނަށް އުތީމުގައި އެންމެ ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރެވުނު ފަހަރެވެ.




