ހަރުކަށި ފިޔަވަޅު އެޅޭގޮތަށް ހެދި ގޭންގު ކުށްތަކުގެ ޤާނޫނަށް ޢަމަލުކުރަން ފަށައިފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ އައު ޤާނޫނަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.

މި ޤާނޫނަކީ ގޭންގު ކުށްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅައި، ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުމަށް އެކުލަވާލާފައިވާ ޤާނޫނެކެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ މެއި 15 ވަނަ ދުވަހު ފާސްކުރި މި ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މެއި 25 ވަނަ ދުވަހު ތަސްދީގު ކުރައްވާފައެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމެވެ.

އައު ޤާނޫނުގެ ދަށުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅައި، އެފަދަ ކުށެއް ކުރާ ފަރާތްތަކަށް 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކުށެއް ކުރަން އުޅުމާއި އެހީތެރިވުމަށްވެސް 18 އަހަރުގެ ޖަލު ހުކުމަކާއެކު ބޮޑު ޖޫރިމަނާއެއް ކުރެވޭނެއެވެ.

ޚާއްސަކޮށް ކުޑަކުދިން ގޭންގު ކުށްތަކަށް ރެކްރޫޓްކުރުމަށް ވަނީ އެންމެ ހަރުކަށި އަދަބު ކަނޑައަޅާފައެވެ. މިގޮތުން ކުޑަކުއްޖަކު ގޭންގަކަށް ރެކްރޫޓްކޮށްފި ފަރާތަކަށް 25 އަހަރުގެ ޖަލު ހުކުމަކާއެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެފައިވަނީ މި އައު ޤާނޫނާއެކު، ކުރިން ބޮޑެތި ކުށްތަކަށް ލިބެމުން އައި ލުއިތަކާއި މަޢާފުގެ ފުރުސަތުތައް ބަންދުވެގެންދާނެ ކަމަށެވެ. އަދި މިއީ އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެ ބަދަލެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ