ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށްޓަކާ، ސަރުކާރުގެ އެހީތެރިކަމާއިއެކު އެއަތޮޅު ނާގޯށީގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ތިލަދުންމަތީ ދެކުނުބުރީގައި ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު އެ އަތޮޅު ނާގޯށީގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ހދ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިއީ ވަރަށް ދުވަސްވެފައިވާ އަދި އަމަލީ މަސައްކަތް ފެށިފައިނުވާ މަޝްރޫޢެއް ނަމަވެސް، ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު، އެމްޓީޑީސީން މިހާރުވަނީ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މޮބިލައިޒްކޮށްފައެވެ. އަދި ހދ. އަތޮޅަކީ ޓޫރިޒަމް ތަރައްޤީވެފައިވާ އަތޮޅަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ އިތުރުން، ނައިވާދޫގެ ތަރައްޤީއަށް އެހެނިހެން މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މީގެ ތެރޭގައި ބަނދަރު ތަރައްޤީކުރުމާއި، ހެލްތު ސެންޓަރު އަޕްގްރޭޑްކުރުން ހިމެނެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ލެބޯޓްރީގެ ޚިދުމަތާއެކު ހެލްތު ސެންޓަރުގެ މަޝްރޫޢު ހިމެނުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، ރަށުގެ މަގުތައް ހެދުމާއި، ވަސީލަތްތައް ފުރިހަމަ ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމާއި، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޖެނެރޭޓަރެއް ހޯދައިދިނުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ކަމަށްވެސް ފާހަގަކުރެވެއެވެ.

ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ގިނަ ފަޅުރަށްތަކެއް ލުއި ޝަރުތުތަކާއެކު ހުޅުވާލެވިފައިވާކަން ފާހަގަކުރައްވަމުން، މި ދާއިރާއިން ކުރިއެރުން ފެންނާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ