ރަސްމާލެއިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް ހުޅުވާލާނެ

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ހިއްކަމުންދާ ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ޗ

އެމަނިކުފާނު މިކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ސްޕީޑް ކުރިއަށް އޮތް މަހުގެ ތެރޭގައި ތިން ގުނަ އިތުރުކުރައްވާނެއެވެ. މި މަސައްކަތް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ގެނައުމަށް އެގްރިމަންޓްކޮށް ފައިސާވެސް ދައްކާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 1100 ހެކްޓަރުގެ ބިން ހިއްކާ ރަސްމާލެއަކީ، މާލެ ސަރަޙައްދަށް ދާއިމީ ޙައްލެއް ގެނުވާނެ އެންމެ ބޮޑު މަޝްރޫޢު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ފަސް މަސް ތެރޭގައި 15،000 ގޯތި ދެވޭ މިންވަރަށް ބިން ހިއްކާނެ ކަމަށާއި، އެ ގޯތިތަކަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. ބޯހިޔާވަހިކަން ދިނުމުގައި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަދި "އާއިލީ ބޯހިޔާވަހިކަން"ގެ ކޮންސެޕްޓަށް އިސްކަން ދެއްވާނެއެވެ. ފުރަތަމަ ހުޅުވާލާނީ މާލޭގެ ރައްޔިތުންނާއި މާލެ ސަރަޙައްދުގައި ދިގު މުއްދަތަކަށް ދިރިއުޅެފައިވާ މީހުންނަށް ޚާއްސަ ކެޓަގަރީތަކުންނެވެ.

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ހުށަހަޅާފައިވާ ދާއިމީ ޙައްލުތަކުގެ ތެރޭގައި ހުޅުމާލެ، ގުޅިފަޅު، ގިރާވަރު ފަޅު އަދި އުތުރު ތިލަފަޅު ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރު އެގްރިމަންޓްކޮށްފައިވާއިރު، މި މަހުގެ ތެރޭގައި އެ މަސައްކަތް ޢަމަލީގޮތުން ފަށާނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހު ތެރޭގައި 3،000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކުރައްވާނެ ކަމަށާއި، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 4،000 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖުމްލަ 7،000 ހައުސިން ޔުނިޓްގެ މަސައްކަތް މާލެ ސަރަޙައްދުގައި ވަރަށް އަވަހަށް ޢަމަލީގޮތުން ފެށޭނެއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވާލާއިރު، މާލެ ރަށްވެހިން، ދަފްތަރު، ނުކުޅެދުންތެރިކަން ހުންނަ މީހުން، އެކަނިވެރި މައިން، މައިމުޅަވެފައިވާ މީހުން، ޒުވާނުން، އަދި ވަކިވަކި ދާއިރާތަކަށް ޚާއްސަކޮށް ކަނޑައެޅި ބޯހިޔާވަހިކަން ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކެއް ޝާމިލުވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވަޢުދަކީ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބޭނެކަން ކަށަވަރުކުރުން ކަމަށެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ