ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރަޝިޔާއަށް ފުރާވަޑައިގެންފި

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް އާއި ބައްދަލުކުރެއްވުމަށް ރަސްމީ ދަތުރުފުޅެއްގައި އެޤައުމަށް ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މިއީ ދިވެހިރާއްޖެއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ފުރަތަމަ ފަހަރެ ކަމަށާއި، މި ދަތުރުފުޅުގައި މިނިސްޓަރ ލަވްރޯފްއާއި ބައްދަކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ވެސް މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ދެޤައުމުގެ ރައްޔިތުންނަށް އެއް ޤައުމުން އަނެއް ޤައުމުގައި ވިސާ އެގްޒެމްޕްޝަންގެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ދެޤައުމުގެ ޚާރިޖީ ވަޒީރުން ސޮއެކުރައްވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ރަޝިޔާއިން ލިބޭނެ. މި އެއްބަސްވުމުގެ ބޭނުމަކީ ދެޤައުމާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފަސޭހަކަމާއިއެކު އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެ މަގު ފަހިކުރުން." ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ދިވެހިރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑިރެކްޓަރ ޝިއުނީން ރަޝީދު އަދި ޑެސްކް އޮފިސަރ މަރިޔަމް އާސިފްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ