ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، އެއަރޕޯޓު މަޝްރޫޢަކީ މުޅި އަތޮޅަށް މުހިންމު މަޝްރޫޢެއް ކަމަށާއި، މި މަޝްރޫޢު ކުރިއަށް ގެންދަވާނީ ރައްޔިތުންނަށް އެންމެ ބޮޑަށް ފައިދާވާނެ ގޮތަށް ކަމަށެވެ. އަދި ހިތަދޫއިން ވެސް މުހިންމު، ދެކޮޅުޖެހޭ ޕްރޮޕޯސަލެއް ހުށަހަޅުއްވާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް އެނގޭ މިރަށުގެ ރައްޔިތުންވެސް އެންމެ ބޮޑަށް އިންތިޒާރުކުރާ މަޝްރޫޢަކީ އެއަރޕޯޓު މަޝްރޫޢުކަން. އެމަސައްކަތް މިއަތޮޅުގައި ކުރިއަށްދާނެކަމުގެ ޔަގީންކަންދެން. ސަރުކާރުން އެ މަޝްރޫޢު ކުރިއަށްގެންދާނީ އިޤްތިޞާދީގޮތުން އެންމެ ރަނގަޅުގޮތެއް ބަލާފައި," ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ހިތަދޫގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ފެށިގެންދިޔަ މަސައްކަތަކީ ކުރިއަށް އޮތްތަނުގައި ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތަށް ލިބިގެންދިޔަ ބާރެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. 4 އެނދުގެ ވޯޑާއެކު އިތުރު ޚިދުމަތްތައް ޤާއިމުވެގެންދިޔުމުން ހޮސްޕިޓަލަކަށް ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އަދި ހިތަދޫގެ ސްކޫލް އިމާރާތުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި، ބީއެމްއެލްގެ ބްރާންޗްގެ މަސައްކަތާއި ހިތަދޫއާއި ކުނަހަންދޫގެ ކޯޒްވޭގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.