60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ: ރައީސް

60 އަށްވުރެ ގިނަ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ލ. ދަނބިދޫގެ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެރަށުގެ ސިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އިތުރު ވޯޑަކާއެކު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރެވިގެންދާނެއެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ 60 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، މީގެ ތެރޭގައި ދަނބިދޫއަށް ބޭނުންވާ އެމްބިއުލާންސްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އިސްދޫ-ކަލައިދޫ ކޯޒްވޭ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "މިއާއެކު އަންނާނެ އެންމެ ބޮޑު ބަދަލަކީ، އިޤްތިޞާދީގޮތުން އަންނާނެ ކުރިއެރުން މިރަށްތަކަށް. ވަރަށް ގިނަ ދުވަސްވެއްޖެ ސޮއިކޮށްފައި އޮންނަތާ. މާދަމާ އަޅުގަނޑުމެން އެމަސައްކަތް ޢަމަލީ ގޮތުން ފަށާނަން" ކަމަށެވެ.

ދަނބިދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން އަވަހަށް ޖަނަރޭޓަރެއް ގެންނަވާނެ ކަމަށެވެ. މީގެއިތުރުން، ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމާއެކު މަގުހެދުމުގެ މަސައްކަތްވެސް އަވަހަށް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެއެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ވަނީ ހަވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ