މުންޑޫ ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނަން: ރައީސް

އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ލ.މުންޑޫގެ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ވިދާޅުވީ މުންޑޫގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުންޑޫގެ މީސްކޮޅު މަދުނަމަވެސް، ރާއްޖޭގެ އެހެން ރަށްރަށުގައި ކުރިއަށްގެންދާހެން މަޝްރޫޢުތައް އެއްވެސް ތަފާތުކުރުމެއް ނެތި މިރަށުގައިވެސް ކުރިއަށްގެންދަވާނެކަމަށެވެ. އަދި ރަށުގެ ތަރައްޤީއަށް އެންމެ މުހިއްމު މަޝްރޫޢެއްކަމަށް މުންޑޫއިން ފާހަގަކުރަނީ ބަނދަރުގެ މައްސަލަކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް އެނގޭ މިރަށުގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވަނީ ބަނދަރެއްކަން. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި މިކަމަށް އަޅުގަނޑުމެން ހައްލެއް ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ މުންޑޫގެ ސްކޫލްގެ ޖާގައިގެ މައްސަލަ ހައްލުކޮށް، ސްކޫލް އޭސީކުރުމުގެ މަސައްކަތް އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމަވާދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރަށުގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ލެބޯޓްރީގެ ޚިދުމަތްވެސް ޤާއިމުކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މުންޑޫގެ ބީއެމްއެލްގެ އޭޓީއެމް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ އިތުރުން، ރަށުގެ ފުލުހުންގެ މަރުކަޒު ތަރައްޤީކުރުމަށްޓަކައި އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ