ނޫސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރުން އަބަދުވެސް އަޑުއަހާނެ: ރައީސް

ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާއި، މިއީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއެކު ބޭއްވި ބައްދަލުވުމުގައެވެ. އެއް ގަޑިއިރަށްވުރެ ދިގު މި ބައްދަލުވުމުގައި، އެމްޖޭއޭއިން ހުށަހެޅި ހުރިހާ ކަންބޮޑުވުންތަކަކަށް ރިޢާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.

"މީޑިއާއަށް އަބަދުވެސް ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭނެ. މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބޭއްވުމަށް ބޭނުންފުޅުނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މެންބަރުން އައްޔަންކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް އޮތުމަށް ބޭނުންފުޅުނުވާ ކަމަށާއި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބައްދަލުވުން ނިމުމުގެ ކުރިން، ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު އެމްޖޭއޭއަށް ދެއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ