ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޗައިނާއަށް

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޗައިނާއަށް ވަނީ ފުރާވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެއެވެ. އަދި އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައިވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކާއި، އިޤްތިޞާދީ ގޮންޖެހުންތަކާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.

އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ރައީސް މުޢިއްޒު ބަޔާނެއް އިއްވަވާނެއެވެ. މި ބަޔާނުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

އެސް.ސީ.އޯ އަކީ 2001 ވަނަ އަހަރު އުފެދުނު، ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން މަސައްކަތްކުރާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާ އުފެއްދި 6 ޤައުމުގެ ތެރޭގައި ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާން ހިމެނެއެވެ.

ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދީ ޖަމުޢިއްޔާ ކަމުގައިވާ އެސް.ސީ.އޯ ގައި މިހާރު 10 މެންބަރު ޤައުމު ހިމެނެއެވެ. ދިވެހިރާއްޖެއަކީ އެސް.ސީ.އޯ ގެ ޑަޔަލޮގް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ޤައުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ