ސޮއިކުރެވުނު އެމްއޯޔޫތަކަކީ ގުޅިގެން މަސައްކަތްކުރަން ހުޅުވޭ އައު ޞަފްހާތަކެއް: ޗައިނާ ސަފީރު

ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާތަކާއެކު ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށް އައު ޞަފްހާތަކެއް ހުޅުވިގެންދާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭ 11 ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. މި ފަހުމުނާމާތަކުގެ ތެރޭގައި އިޤުތިޞާދީ ތަރައްޤީ، ޢުމްރާނީ ތަރައްޤީ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ހިމެނެއެވެ.

މި ފަހުމުނާމާތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޗައިނާ ސަފީރު ވިދާޅުވެފައިވަނީ، "މި ފަހުމުނާމާތަކުގައި ސޮއިކުރެވުނުތަން ފެނުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ. އަދި މި ފަހުމުނާމާތަކުން ދެމެހެއްޓެނިވި ތަރައްޤީއާއި އެކުވެރިކަމާއެކު ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް ހާމަވެގެންދިޔަކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް ވަނީ މި ފަހުމުނާމާތަކާ ގުޅޭގޮތުން އުފާފާޅުކުރައްވާފައެވެ. "މި ފަހުމުނާމާތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ގިނަ ދާއިރާތަކުން ރާއްޖެއަށް ފައިދާތަކެއް ކުރާނެ" ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ