ރާއްޖެއިން ޗައިނާއަށް ދަރަނި ދެއްކުމުގައި ލުއިގޮތްތަކެއްވަނީ ހަމަޖެހިފައި: ޗައިނާ ސަފީރު

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖެހިގެން ގޮސްފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ. މިކަން އޭނާ ހާމަކުރެއްވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަފީރު ވިދާޅުވި ގޮތުގައި ދެ ޤައުމު ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރެވުނުތާ 53 އަހަރު ވެގެން ދިޔައިރު، މިގުޅުން ވަނީ ގިނަ ހަރުފަތްތަކެއް ގިރާކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން މިގުޅުން މުޅިން އައު ހަރުފަތަކަށް ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މިހާރު ފަޚުރުވެރިކަމާއެކު އިއުލާންކުރަން، ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ދަރަންޏަށް ލުއި ގޮތްތަކެއް ހޯދައިދޭން ގޮތެއް ނިންމިފައިވާ ކަމަށް،" ސަފީރު ވިދާޅުވިއެވެ. އަދި މިކަމުން ދައްކުވައިދެނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ މާލީ ހާލަތުގެ ދެމެހެއްޓެނިވިކަން ޤަބޫލުކޮށް، އެކަން އިސްލާހުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބަލައިގަނެފައިވާކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނިތައް ދެއްކުމަށް ލުއިގޮތްތަކެއް ހޯއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ މިކަމަށް އެދިވަޑައިގެންފައެވެ. އޭގެ ފަހުން އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް ޗައިނާގެ ފަންނީ ޓީމެއް ރާއްޖެ އައިސް ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.

މީގެއިތުރުން ސަފީރު ވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފައިދާތައް ފެންނަމުންދާކަމާއި، ބޭންކް އޮފް މޯލްޑިވްސްއިން ޔުއާން އެކައުންޓުތައް ތަޢާރަފްކުރުމަކީ ދެ ޤައުމުގެ ދެމެދު ކަރަންސީ ސެޓަލްމެންޓް ހެދުމަށް ލިބިގެންދިޔަ ފުރުސަތެއްކަން ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ