ސަފީރު ދެއްވީ މާލީ ދަތިތަކުން އަރައިގަތުމުގައި ރާއްޖެއަށް ޗައިނާއިން އެހީވާނެކަމުގެ ޔަޤީންކަން

ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ދެއްވައިފިއެވެ.

ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކާއި ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ޗައިނާއިން އެހީވުމަށް ދިވެހި ސަރުކާރާއެކު ރޭވުންތަކެއް ރާވަމުންދާ ކަމަށެވެ. އަދި މިކަމުގެ ކަރުދާސް މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވިގޮތުގައި ރާއްޖެއަށް އެހީ ދިނުމަށް ނިންމާފައިވަނީ އިތުރު މާލީ ބުރައެއް ރާއްޖެއަށް އުފުލަންނުޖެހޭނެ ގޮތަށެވެ. "ދުރު ރާސްތާއެއްގައި ލޯނުތައްވެސް ދެއްކޭނެ ފަދަ ލުއި އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދަނީ" ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެއިތުރުން ޗައިނާގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ސަފީރު ހިއްސާކުރެއްވިއެވެ. އެގޮތުން ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ ޑިޒައިން ބިޑިން މަރުޙަލާއަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި، ވިލިމާލެއާއި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަހު ތައްޔާރީތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި 50 ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫޢަށް ހަދަންޖެހޭ އޮން-ސައިޓް ފީސިބިލިޓީ ސްޓަޑީ ނިމިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ދަނޑުވެރިކަމާއި، ބިނާވެށި، މަސްވެރިކަމާއި، އިޢާދަކުރަނިވި ހަކަތައާއި، ތަޢުލީމީ ދާއިރާއިން 11 ފަހުމުނާމާއެއްގައި ސޮއިކުރެވި، މި ދާއިރާތަކުން ކުރިއެރުން ހޯދުމުގައި މުހިންމު ދައުރެއް ޗައިނާއިން އަދާކުރާނެކަމަށް ސަފީރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ