ނޭޝަނަލް އެސެސަރސް ކާޑު ލިބިފައިވާ ފަރާތްތަކަކީ، އިތުބާރު ހިފޭ އަދި ނަޒާހާތްތެރިކަމަށް އިސްކަންދޭ ބަޔަކަށްވުމަށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު މިފަދައިން އިލްތިމާސްކުރެއްވީ، ނޭޝަނަލް އެސެސަރސް ކާޑު ލިބިފައިވާ ފަރާތްތަކަށް ކާޑު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މަތީ ތަޢުލީމާ ބެހޭ ޤާނޫނުގެ ދަށުން، ނޭޝަނަލް އެސެސަރުންނަކީ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ބަޔާންކުރާ މިންގަނޑަށް ދަރިވަރުން ތަޢުލީމާއި ހުނަރު ޙާސިލުކޮށްފައިވޭތޯ ވަޒަންކުރާ ފަރާތްތަކެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، "މިއަހަރު އަލަށް 20 އެސެސަރުންވަނީ ތަމްރީންކުރެވިފައި. އިތުރު ޓްރެއިނިންގތައް ކުރިއަށް ގެންދިޔުމަށްވަނީ ރާވާފައި. މިކާޑު ލިބިފައިވާ ފަރާތްތަކަކީ އިތުބާރުހިފޭ، ޕްރޮފެޝަނަލިޒަމް ހިފަހައްޓާ ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަން އިސްކޮށް އެސެސްމަންޓުތައް ކުރިއަށްގެންދާ އެސެސަރަކަށްވާންވާނެ" ކަމަށެވެ.
މިވަގުތު ރާއްޖޭގައި އެކި ދާއިރާތަކަށް ޚާއްސަ 234 އެސެސަރުން ހަރަކާތްތެރިވަމުންދާއިރު، އަލަށް މިއަހަރު 20 އެސެސަރަކަށް ހުއްދަ ދޫކޮށްފައިވެއެވެ. މި އެސެސަރުންނަކީ ދައުލަތް ބަލައިގަންނަ ބައެއްކަން އަންގައިދޭ ކާޑެއް ތަޢާރަފްކޮށް، އެމްއެންއެސްޑީއޭއިން ވަނީ އެސެސަރުންނަށް ކާޑު ޙަވާލުކޮށްފައެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އެސެސަރުންނަކީ އިންޑަސްޓްރީތަކަށް އަންނަ ބަދަލުތަކަށް ފަރިތަ އަދި އެންމެ ފަހުގެ މަޢުލޫމާތުތައް ލިބިފައިވާ ފަރާތްތަކަށްވުމަށް ރިފްރެޝަރ ކޯސްތަކުގައި ބައިވެރިވުމަކީ މުހިއްމުކަމެކެވެ. އެސެސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޓިވެޓް ކޯސްތަކުގައި ހަދަންޖެހޭ އެސެސްމަންޓުތައް ހެދުމެވެ.



