މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހި ކުރަން އެމްއެންޔޫއާއި ކާޓިން ޔުނިވަރސިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އޮސްޓްރޭލިއާގެ މަޝްހޫރު ކާޓިން ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމުގެ މެމޮރަންޑަމް (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ޔުނިވަރސިޓީގެ ދެމެދު ތަޢުލީމީ ގޮތުންނާއި ދިރާސާ ކުރުމުގެ އިތުރުން ގުޅުން ބަދަހި ކުރުމަށް ފުޅާ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމެވެ. އަދި ކާޓިން ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ގްލޯބަލް ޕްރޮފެސަރ ޝިއާ އޮޓިއަން ޒަންގެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އެކަޑަމިކް އެކްސްޗޭންޖުތަކާއި، ޖޮއިންޓް ރިސާރޗް ޕްރޮޖެކްޓްތައް ހިންގުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވަރސީޓީގެ ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް ވިދާޅުވީ، މި އެމްއޯޔޫއާއެކު ކުރިއަށް އޮތްތަނުގައި ދެ ޔުނިވަރސިޓީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ކާޓިން ޔުނިވަރސިޓީއަކީ އެކި ދާއިރާތަކުން ދިރާސާތައް ހެދުމަށް ކުރިއަރާފައިވާ ޔުނިވަރސިޓީއެއްކަން ފާހަގަކުރައްވާ އޭނާ ވަނީ، މިހާރުވެސް ރާއްޖޭގައި އެ ޔުނިވަރސިޓީން ކިޔެވި ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވާފައެވެ. ޑރ. ޝެހެނާޒް އިތުރަށް ވިދާޅުވިއެވެ: "2024 އަދި 2025 ވަނަ އަހަރު ކާޓިން ޔުނިވަރސިޓީގެ ދަރިވަރުން އެމްއެންޔޫއަށް އައިސްފައިވޭ. އަދި ރާއްޖޭގެ ދަރިވަރުން އެކި ވޯކްޝޮޕްތަކުގައި ބައިވެރިވި."

ކާޓިން ޔުނިވަރސިޓީއަކީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ޕަބްލިކް ރިސާރޗަށް ޚާއްޞަ ޔުނިވަރސިޓީއެކެވެ. އޮސްޓްރޭލިއާގެ ހައި ކޮމިޝަނާއި ކާޓިން ދަރިވަރުންގެ އެހީތެރިކަމާއެކު ފާއިތުވި އަހަރުތަކުގައި ކާޓިން ޔުނިވާސިޓީއާއި ރާއްޖެއާ ދެމެދު ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ. އެގޮތުން އެމްއެންޔޫއާއިއެކު އިންޓަރންޝިޕް، ފީލްޑް ވޯކް، އަދި ގުޅިގެން އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެމްއެންޔޫއިން ފާހަގަކުރައްވާ ގޮތުގައި މި އެމްއޯޔޫގެ ސަބަބުން މުވައްޒަފުން ތަރައްޤީ ކުރުމާއި، އެކަޑަމިކް އެކްސްޗޭންޖުތަކާއި، އިންޖިނިއަރިން ސައިންސް، އާރކިޓެކްޗަރާ ގުޅުން ހުރި ދާއިރާތަކުން ޕީއެޗްޑީ ޙާސިލު ކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. މިއެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންގެ ކުރިއެރުމުގެ މަގުތައް ހަރުދަނާކޮށް ކުރިއެރުވުން ކަމަށާއި، އުނގެނުމާއި، ޖޮއިންޓް ރިސާރޗް ޕްރޮޖެކްޓްތަކާއި، ފީލްޑް ސްޓަޑީޒްތަކުގެ ސަބަބުން ދެ ޔުނިވަރސިޓީއަށްވެސް ދާއިމީ ފައިދާ ލިބޭނެ ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ