ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ތަފްސީލުކޮށް އެނގިގެން ހިނގައްޖެ ކަމަށެވެ.
ރައީސް މުޢިއްޒު ވ، މ، ފ، އަދި ތ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ޢުމްރާނީ ތަރައްޤީގެ ޖުމްލަ 124 މަޝްރޫޢުއަކާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. މި ދަތުރުފުޅުގައި ވ.އަތޮޅުގެ 5 ރަށް، ފ.އަތޮޅުގެ 5 ރަށް، މ.އަތޮޅުގެ 8 ރަށް އަދި ތ.އަތޮޅުގެ 13 ރަށަކަށް ވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ "ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ، ރަށްރަށުގެ ތަރައްޤީއަށް މަސައްކަތްތައް ރޭވުމަށް" ކަމަށެވެ. މި ދަތުރުފުޅުގައި ޖުމްލަ 60 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، 40 މަޝްރޫޢުއެއް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އަދި 24 މަޝްރޫޢެއްގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަތޮޅުތަކުގެ ތަފްސީލު
ވ.އަތޮޅުގައި 5 މަޝްރޫޢުގެ މަސައްކަތް ފެށި، 4 މަޝްރޫޢު ނިމި، އިތުރު 4 އެއްބަސްވުމުގައި ސޮއިކުރެވުނެވެ. ފ.އަތޮޅުގައި 13 މަޝްރޫޢު އަލަށް ފެށި، 6 މަޝްރޫޢު ނިމި، 10 އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މ.އަތޮޅުގައި 13 މަޝްރޫޢު އަލަށް ފެށި، 2 މަޝްރޫޢު ނިމި، 6 އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި ތ.އަތޮޅުގެ 13 ރަށަށް ކުރެއްވި ދަތުރުފުޅުގައި 29 މަޝްރޫޢުގެ މަސައްކަތް ފެށި، 12 މަޝްރޫޢު ނިމި، 20 އައު އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ މި ހަތަރު އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް ނިންމާފައިވުމެވެ.




