ޗައިނާގެ ރައީސް، ޝީ ޖިންޕިންގގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގެން، އެހެން ޤައުމުތަކުގެ އިސްވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މިދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއެކު ބޭއްވެވި ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ސަމިޓާ ގުޅިގެން ބޭއްވުނު ދެފަރާތުގެ ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމާއި، އެކުގައި މަސައްކަތްކުރެއްވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާބެހޭ ފަހުމުނާމާތަކެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ.
މީގެއިތުރުން، ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދެވަނަ ދަތުރުފުޅުކަމާއި، މިދަތުރުފުޅަކީ ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދިޔަ މުހިންމު ދަތުރުފުޅެއްކަމެވެ.



