މިރޭ ހިފާ ހަނދުކޭތައާ ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އިޢުލާނުކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 20:28 ގައެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިރޭ 23:11 ގައި ކަމަށާއި، ހަނދުކޭތަ ވީއްލާނީ ރާއްޖެ ގަޑިން މެންދަމު އަލިވެ 01:55 ހާއިރުގައެވެ.
މިކަމާ ގުޅިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު މިރޭ 23:12 ގައި ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ކައުންސިލްތަކަށް އަންގަވާފައެވެ. މާލޭގައި ކޭތަ ނަމާދު އަދާކުރެވޭނީ އިސްލާމީ މަރުކަޒުގައެވެ. އަދި ހުޅުމާލޭގައި ނަމާދު އަދާކުރެވޭނީ މަސްޖިދުއް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގައެވެ.
މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފުރިހަމައަށް ފެންނާނެ ކަމަށް ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައި ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ހަނދުކޭތައަކީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެއް ކަމަށްވެފައި، މިފަދަ ވަގުތުތަކުގައި ގިނަގިނައިން ޒިކުރުކުރުމަށާއި، ދުޢާކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވެއެވެ.




