އިރުކޭތަ ނަމާދުކުރުން މާދަމާ ހެނދުނު 10:30 ގައި

މާދަމާ ހިފާ އިރު ކޭތައާއި ގުޅިގެން ކޭތަ ނަމާދުކުރުން މާދަމާ ހެނދުނު 10:30ގައި މާލެ ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މާދަމާ ހެނދުނު 10:30ގައި ކޭތަނަމާދު ކުރެވޭނޭ އިންތިޒާމު ހަމަޖެއްސެވުމަށް ރަށް ރަށުގެ ކައުންސިލް އިދާރާތަކަށް އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، 2020 ޖޫން 21 ވާ އާދިއްތަ ދުވަހުގެ އިރުކޭތައެއް ހިފާނެ ކަމަށެވެ. މި އިރުކޭތަ ހިފަންފަށާނީ 09:39 ގައި ކަމަށާއި އަދި އިރުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، ހެނދުނު 10:51 ގައި ކަމަށާއި އިރުކޭތަ ވީއްލާނީ މެންދުރުފަހު 12:14ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ދެ އިރުކޭތަ އެއް ހިފާނެއެވެ. ފުރަތަމަ އިރު ކޭތަ ހިފާނީ ޖޫން މަހުގެ 21 ވަނަ ދުވަހުގައެވެ. މި އިރު ކޭތަ ރާއްޖެ އަށް ފެންނާނެ އެވެ. އަދި ދެވަނަ އިރު ކޭތަ ހިފާނީ މިއަހަރު ފަހުކޮޅު ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު ދެކުނު އެމެރިކާގެ ގައުމުތަކަށެވެ. މި ކޭތަ މުޅި ދެނުކު އެމެރިކާ ބައްރު ” ޓޯޓަލް ޑާކްނެސް” ނުވަތަ މުޅިން އަދިރި ކޮއްލާނެއެވެ.

ޖޫން މަހުގެ 21 ވަނަ ދުވަހު ހިފާ އިރުކޭތަ.

ޖޫން މަހު ހިފާ “ރިންގް އޮފް ފަޔާ” ގެ ނަމުން ނަންދީފައިވާ މިއިރު ކޭތަ އަކީ ފުރިހަމަ އިރު ކޭތަ އަކަށް ނުވި ނަމަވެސް މި ކޭތަ ފުރިހަމަ އިރު ކޭތަ އަކާއި ގާތް ކުރާ ވަރު ވާނެ ކަމަށް ނާސާއިން ބުނެއެވެ. މި ކޭތަ އެފްރިކާގެ ބައެއް ގައުމުތަކަށާއި ދެކުނު ޕާކިސްތާން , އުތުރު އިންޑިއާ, ޗައިނާގެ އިތުރުން ރާއްޖެ އަށް ފެންނާނެއެވެ. ރާއްޖެ އަށް މި ކޭތަ ހިފަން ފަށާނީ ޖޫން 21 ވަނަ ދުވަހުގެ ހެނދުނު 9:39 އިން ފެށިގެން މެންދުރު 12:14 އަށެވެ. 2 ގަޑިއިރާއި 36 މިނެޓަށް ހިފާފައި ހުންނަ މި ކޭތަ ރާއްޖެ އަށް ފެންނާނީ ކުޑަކޮށެވެ.

ޖޫން 21 ވަނަ ދުވަހު ހިފާ އިރު ކޭތަ ވެރިރަށް މާލެ އަށް ފެންނާނެ ގޮތް.

ރާއްޖެ އަށް އެންމެ ފަހުން އިރު ކޭތަ އެއް ފެނުނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ‘ރިންގް އޮފް ފަޔާ’ގެ ނަމުން ނަންދީފައިވާ މި އިރުކޭތަ ރާއްޖޭގެ އިތުރުން އިންޑިއާ ލަންކާ, ސައުދި އަރަބިއްޔާ, އޮމާން, ސިންގަޕޫރު, ގަތަރު އަދި މެލޭޝިއާއަށް ވެސް ފެނުނެވެ. މި ކޭތަ ބަލާލުމަށް، އޭޝިއާ ބައްރުގެ އެކި ހިސާބުތަކުން ގިނަ ބަޔަކު އެކި ތަންތަނަށް ޖަމާވިއެވެ.

ޑިސެންބަރު 14 ވަނަ ދުވަހު ހިފާ އިރު ކޭތަ.

މި އަހަރު ފަހުކޮޅު ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު ހިފާ އިރު ކޭތަ އަކީ ޓޯޓަލް ނުވަތަ ފުރިހަ އިރުކޭތަ އެކެވެ. މި ކޭތަ ދެކުނު އެމެރިކާގެ ބައްރުގެ ބައެއް ގައުމުތަށް އެއްކޮށް އަދިރި ކޮށްލާނެއެވެ. ދެކުނު އެމެރިކާ ބައްރަށް ރާއްޖެ ގަޑިން މިކޭތަ ހިފަން ފަށާނީ ޑިސެންބަރު 14 ވަނަ ދުވަހުގެ އިރު އޮއްސި 18:35 އިން ފެށިގެން ރޭގަނޑު 23:53 އަށެވެ. މި ކޭތަ ކޮންމެވެސް ވަރަކަށް ހުޅަނގު އެފްރިކާ ބައްރު އަދި އެންޓާޓިކާއަށް ވެސް ފެންނާނެއެވެ.

ދުނިޔެއާއި އިރު ހަނދުގެ ދައުރުވުން ހިނގަމުންދާ ގޮތަށް ބަލާއިރު އިރު ކޭތަ ހިފަނީ އިރު ހަނދާއި ބިމާއި ސީދަލަށް އެތުރި އިރުގެ މައްޗަށް ހަނދު އަރާ ހަނދުގެ ހިޔަނި ދުނިޔޭއަށް އެޅުމުގެ ސަބަބުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ