ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ދަންވަރު 12:15 ގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މިރޭ މެންދަމު 00:15 ގައި ކޭތަނަމާދު ކުރެވޭނޭ އިންތިޒާމު ހަމަޖެއްސެވުމަށް ރަށް ރަށުގެ ކައުންސިލް އިދާރާތަކަށް އަންގާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 2020 ޖޫން 05 ވާ ހުކުރު ދުވަހުގެ ރާއްޖޭގެ ގަޑިން 22:45 އިން ފެށިގެން ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެ ކަމަށެވެ. މި ހަނދުކޭތަ ހިފަންފަށާނީ 22:45 ގައި ކަމަށާއި އަދި ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، މެންދަމު 00:24 ގައި ކަމަށާއި ހަނދުކޭތަ ވީއްލާނީ މެންދަމު 02:04 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީ ފަނޑު ހިޔަނީގެ ކޭތަޔަކަށްވުމުން ކޭތަފާޅުވާނީ ވަރަށް ކުޑަކޮށް ކަމަށާއި މިކޭތައާއި ގުޅިގެން ކޮންމެ ރަށެއްގައިވެސް ހުންނަ މިސްކިތުގައި ހޮނިހިރު ވިލޭރޭގެ މެންދަމު 00:15 ގައި ކޭތަނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ.
މި ހަނދު ކޭތައަށް ފަހު ދެން ހަނދުކޭތައެއް ހިފާނީ މި އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަހަރުގެ ނޮވެމްބަރ 29 ގައިވެސް ހަނދުކޭތައެއް ހިފާނެ އެވެ.



