ރަށު ފަތުރުވެރިކަމަށް ލުއި ލޯނަށް ކުރިމަތިލާން ހުޅުވާލައިފި

އެސްޑީއެފްސީން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް އައު ލޯނު ސްކީމެއް ތަޢާރަފުކޮށްފިއެވެ. މި ލޯނު ސްކީމްގެ ދަށުން ގެސްޓްހައުސް އިމާރާތްކުރުމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އެކި ބާވަތުގެ ވިޔަފާރި ހަރަކާތްތައް ހިންގުމަށް ފައިސާ ދޫކުރެވޭނެއެވެ.

މި ލޯނު ސްކީމްގެ ދަށުން ގެސްޓްހައުސް މަރާމާތުކުރުމާއި، އިމާރާތް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން ރެސްޓޯރަންޓް، ކެފޭ އަދި ވޯޓަރ ސްޕޯޓްސް ފަދަ ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތްތައް ތަޢާރަފުކުރުމަށްވެސް ފައިސާ ދޫކުރެވޭނެއެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ކުރިއެރުވުމަށްވެސް މި ލޯނުން ފުރުސަތު ލިބިގެންދާނެއެވެ.

އެސްޑީއެފްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ލޯނަށް އެދެވޭނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ. ލޯނުގެ ގޮތުގައި ގިނަވެގެން 5 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރެވޭނެއެވެ. ލޯނު އަނބުރާ ދެއްކުމަށް 10 އަހަރު ދުވަހުގެ މުއްދަތެއް ދެވޭއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި 18 މަސް ދުވަސް ދެވޭނެއެވެ. ފައިނޭންސިންގ ރޭޓްގެ ގޮތުގައި އަހަރަކު 9.5 އިންސައްތަ ދައްކަންޖެހޭނެއެވެ.

ލޯނުގެ ޖުމްލަ އަދަދު 700,000 ރުފިޔާއަށްވުރެ މަތިވާނަމަ ރަހުނެއް ބަހައްޓަންޖެހޭނެކަމަށް އެސްޑީއެފްސީން ވަނީ ހާމަކުރައްވާފައެވެ. 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު އުފެއްދި މި ކުންފުނިން މިހާރު ދަނީ ފަތުރުވެރިކަން، ކޮމާސް، މަސްވެރިކަން، ދަތުރުފަތުރު، އުފެއްދުންތެރިކަން، އިމާރާތްކުރުން، އައިޓީ އަދި ދަނޑުވެރިކަމުގެ ދާއިރާތަކަށް ލޯނު ދޫކުރަމުންނެވެ.

އެހެންނަމަވެސް، ސަރުކާރުން ވަނީ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ނިންމަވާފައެވެ. މި ނިންމެވުމުގެ މަޤްސަދަކީ ބީއެމްއެލްގެ ހަރުދަނާ މާލީ ހާލަތާއި ފުޅާ ވިއުގަ އަދި ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ