ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ 11 ރަށަކުން ބީލަމުގެ އުޞޫލުން ފަތުރުވެރިކަމަށް ބިން ދޫކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
"ޖަޒީރާ ރާއްޖެ - މަގޭ ރާއްޖެ" ގެ ނަމުގައި މިރޭ ބޭއްވި ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، މީހުން ދިރިއުޅޭ 11 ރަށުން ބިން ދޫކުރަން ނިންމާފައިވަނީ "ރަށު ފަތުރުވެރިކަން" ތަރައްޤީކުރަން ކަމަށެވެ.
ބީލަމުގެ އުޞޫލުން ފަތުރުވެރިކަމަށް ބިން ދޫކުރަން ނިންމާފައިވާ ރަށްތަށް އިއުލާން ކުރެއްވީ ހުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްއެވެ.
ރަށު ފަތުރުވެރިކަމަށް ބިން ދޫކުރަނީ:
- ހއ. ފިއްލަދޫ (ދައްޕަރު ސަރަހައްދު)
- ހއ.އުލިގަމު
- ހއ.ކެލާ
- އައްޑޫ ސިޓީގެ 6 ރަށް
- ލ.ގަން
- ފުވައްމުލަކު ތުނޑި ސަރަހައްދު
ރަށްތައް އިއުލާން ކުރެއްވުމަށްފަހު ރައީސް ޞޯލިޙް ވިދާޅުވީ، މީހުން ދިރިއުޅޭ ބިންބޮޑު ރަށްތަކުން ފަތުރުވެރިކަމަށް ބިން ދޫކުރުމަށް މީސަރުކާރުން މިއަދު ނިންމެވި ނިންމެވުމަކީވެސް ޤައުމީ ތަރައްޤީގެ މުހިންމު ނިންމުމަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް 35000 ވަޒީފާ އުފެއްދުމަކީ އަމާޒެއް ކަމަށްވެސް ރައީސް ޞޯލިޙް މިރޭ ވިދާޅުވިއެވެ.
މިރޭގެ މި ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ވަޒީރުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.




