އަރިއަތޮޅު ދެކުނުބުރީ ފެންފުށި އޮންނަ ސަރަހައްދަކީ ގުދުރަތީ ގޮތުން މުއްސަނދި ސަރަހައްދެއްކަން ފާހަގަކުރެވެއެވެ. މިގޮތުން ފެންފުށި އޮންނަ މިސަރަހައްދަކީ ރާއްޖޭގެ އެންމެ މަސްހޫރު ފެހުރިހި ޕޮއިންޓާއި ވައުލަށްމަޑި ޕޮއިންޓްވެސް ހިމެނޭ ސަރަހައްދެވެ. ފެންފުށި ހިމެނޭ އަރިއަތޮޅު ދެކުނުބުރިއަކީ ދުނިޔޭގެ ވެސް
މަސްހޫރުކަން ލިބިފައިވާ ޓޫރިޒަމް މަންޒިލެކެވެ. މިހާރުވެސް އަހަރެއްގެ މައްޗަށް އެތަކެއް ހާސް ފަތުރުވެރިން ދަނީ މިހިތްގައިމު މަންޒިލަށް ޒިޔާރަތްކޮށް މިހިތްގައިމު މަންޒިލްގެ އުފަލާ، ހިތްހަމަޖެހުމާއި އަރާމް ހޯދަމުންނެވެ.
މިހެންކަމުން މިހާރުވެސް މިސަރަހައްދުގައި ދުނިޔޭގެ އެކިއެކި ތަފާތު ވަރުގަދަ ބްރޭންޑްތަކުން ދަނީ ރިޒޯޓްތައް ވަރަށް ކާމިޔާބު ކަމާއެކުހިންގަމުންނެވެ. ދިވެހިރާއްޖެއަށް ލިބިފައިވާ ކަނޑުއަޑީގެ ހިތްގައިމުކަން ބަލާލުމަށް ކޮންމެ ޑައިވަރަކުވެސް ބޭނުންވާނެއެވެ. މިގޮތުން ފެންފުށި ހިމެނޭ އަރިއަތޮޅު ދެކުބުރީގެ މަސްހޫރު ޑައިވިންގ ސައިޓުތަކުގައި ޑައިވްކޮށް އެތަންތާނގެ ހިތްގައިމުކަން ބަލާލުމަށް އަރިއަތޮޅު ދެކުނުބުރިއަށް ޒިޔާރަތްކުރާ ފަތުރުވެރިން ދަނީ ދުވަހުން ދުވަހަށްއިތުރުވަމުންނެވެ.
އަރިއަތޮޅުގައި ހުރި ބަޔެއް ޑައިވިންގ ޕޮއިންޓްތަކަކީ ރާއްޖެ ނުވަތަ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ މަސްހޫރު ޑައިވިންގ ސައިޓުތަކެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ބަޔެއް ސައިޓުތަކަކީ ކުޑަރަށްތިލަ، ރީތިތިލަ، ސެވަންތް ހެވަން، ހުކުރުއެޅި ފަރު އަދި ދިއްދޫ ބޭރު ފަރު އެވެ.
އާސާރީ ބިނާތަކަށް ބަލާއިރު އަރިތޮޅު ދެކުނުބުރީ ފެންފުށީގައި ހުރި ހިރިގަލާއި، ލިޔެލާއިން ޒީނަތްތެރިކޮށްފައިވާ "ފެންފުށީ ހުކުރު" މިސްކިތަކީ މިރަށާއި މިސަރަހައްދުގެ އެންމެނަށްވެސް ލިބިފައިވާ އާދަޔާހިލާފު މުއްސަނދިކަމެކެވެ. ކައިރި ރިޒޯޓުތަކުން މިރަށަށް ޒިޔާރަތް ކުރާ ކޮންމެ ފަތުރުވެރިއެއްވެސް މި އަޖައިބުކުރުވަނިވި ފުރިހަމަ ބިނާފެނިފައި ހައިރާންކުރުވައެވެ.
ހިރިގަލުގެ މިމިސްކިތް ބިނާކޮށްފައިވަނީ 1692 އާއި 1701 ވަނަ ގަރުނުގައިކަން އެއާސާރީ ސައިޓްގެ
މަސައްކަތްތައް ދިރާސާކުރީ ޔުނެސްކޯގެ ރިޕޯޓުންއެގެއެވެ. މިހާރު ފެންފުށިގައި ބިނާކުރެވިފައިހުރި މިއާސާރީ ސައިޓްވަނީ ދުނިޔޭގެ އާސާރީތަންތަން ހިމާޔަތްކުރާ ސައިޓްގެ ވަގުތީ ލިސްޓުންވެސް ޖާގަހޯދާފައެވެ. ތާރީހުގައިވާގޮތުން މިބިނާ، ބިނާކޮށްފައިވާނީ ދެއްވަދޫ މުޙައްމަދު ރަސްގެފާނުގެ ދުވަސްވަރުއެވެ. ނަމަވެސް އޭރުގައި
ފެންފުށި ފާހަގަކުރެވެން ފެށީ އުތީމު ރަސްކަމާ ހަމައިންނެވެ.
ފެންފުށީގެ ވަށައިގެން މީހުންދިރިއުޅެމުންގެންދާ ހުރިހާ ރަށެއްގައިވެސް ދަނީ ފަތުރުވެރިންނަށް ހާއްސަކުރެވިގެން ގެސްޓްހައުސްތައް އެކިފެންވަރުގައި ބީނާކުރެވި، އެތަކެއް ފަތުރުވެރިންނަށް ހިދުމަތްދެމުންނެވެ. ނަމަވެސް ފެންފުށީގައި ގެސްޓްހައުސްތައް މިއަދާއި ހަމަޔަށްވަނީ ކުރިޔަށް ނުގެންދެވިފައެވެ. ސަބަބަކީ ރަށުގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ކަންކަން ހުރިގޮތުން އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ނުދެވުމެވެ.
ނަމަވެސް މިހާރު ފެންފުށީގައި ޓޫވިޒަމް ތަޢާރަފް ވެގެން ދިއުމަކީ ފެންފުށީގެ ރައްޔިތުން އެކަމަކަށްޓަކައި އަބަދުވެސް އިންތިޒާރު ކުރަމުން އައިކަމެކެވެ. ފެންފުށީގެ ރައްޔިތުންނަކީ އަބަދުވެސް ވަރަށް އެކުވެރި ކަމާއި އެއްބައިވަންތަ ކަމާއެކު ދިރިއުޅެމުން އަންނަބައެކެވެ. މިވަގުތު ފެންފުށީގައި 2 ގެސްޓްހައުސްއެއް ދަނީ ހިންގަމުންނެވެ. މީގެއިތުރުންވެސް މިހާރު އިތުރު 2 ގެސްޓް ހައުސްއެއްގެ މަސައްކަތްތައްދަނީ ކުރިއަށެވެ.
އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި ގެސްހައުސް ނުވަތަ ފަތުރުވެރިކަން އިސްތިހާރުކުރުމަށްޓަކައި، ޖެނުއަރީ 17 އަދި 18 ގައި ވަރަށް ހާއްސަ މޫދުކުޅިވަރު (ވޯޓަރ ސްޕޯރޓްސް) އިވެންޓެއް ބޭއްވުމަށް ހަމަޖެހި މިހާރު ދަނީ އެކަމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.
މިގޮތުން މި އިވެންޓް އެންމެ ފުރިހަމަ އަދި ކާމިޔާބު އިވެންޓެއްގޮތުގައި ހެދުމަށްޓަކައި ރާއްޖޭގެ މަސްހޫރު އީސްޓް ވިންޑް ވޯޓާރ ސްޕޯރޓްސް، ރީތި ކައިޓް، ރާރުގުޑި އަދި ސިލިންގ ސްޕޮޓް ބައިވެރިވާކަން އުފަލާއެކު ފާހަގަކުރަމެވެ. އަދި މިއިވެންޓް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މިރިހި އައިލެންޑް ރިޒޯޓްގެ ލައިވް ޕާފޯރމަރ މުހައްމަދު އަލީ ވެސް ބައިވެރިވާކަން އުފަލާއެކު ފާހަގަ ކުރަމެވެ. އަދި މިފަރާތްތަކަށް ފެންފުށީ ރައްޔިތުންގެ ފަރާތުން ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.
މިއިވެންޓް ރޭވިފައިވަނީ ބޭނުން ކޮންމެ ފަރުދަކަށްވެސް މިއިވެންޓްގެ މައިގަނޑު ކުޅިވަރުތައް ކަމުގައިވާ "ކައިޓް ބޯރޑިންގ" "ފްލައި ބޯރޑިންގ" އަދި "ޕެރަސައިލިންގް" ގައި އެއްވެސް އަގަކާ ނުލައި ބައިވެރިވެ މިކަން ތަޖުރިބާ ކޮށްލުމަށް ފުރުސަތު ލިބިގެން ދިއުމެވެ. އަދި މިއިވެންޓްގައި ފްލައިބޯރޑިންގ، ޕެރަސައިލިންގ އަދި ވައިޓްބޯރޑިން ޝޯއެއް ފެންފުށީ ބަނދަރުގައި 17 ޖެނުއަރީ ވާ ހުކުރުދުވަހުގެ ހަވީރުގައި ކުރިޔަށް ދާނެއެވެ. އަދި ޖެނުއަރީ 18ވާ ހޮނިހިރު ދުވަހު ކައިޓްބޯރޑިންގެ ހުނަރުތަކާއި ބޭސިކް ޓްރެއިނިންގ ފެންފުށީގެ ހިތްގައިމު ހުޅަނގު ތުނޑީގައި ކުރިޔަށްދާނެއެވެ.
މިއިވެންޓްގައި ފެންފުށީގެ ރައްޔިތުން ފިޔަވައި ކައިރީގައި ހުރި ރައްރަށުގެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ފުރުސަތު އޮތް މިންވަރަކުން ފުރުސަތު ދެވޭނެއެވެ. އަޅުގަނޑުމެން، ގެސްޓްހައުސް ހިންގާ ފަރާތްތަކުން މިފަދަ ބޮޑު އިވެންޓެއް ބޭއްވުމުގެ އެންމެ ބޮޑު މައިގަނޑު އެއްބޭނުމަކީ، ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ފަރުތުރުވެރިން އެންމެ ޝައުގުވެރިވާ ކުޅިވަރުކަމުގައިވާ "ވޯޓަރ ސްޕޯރޓްސް" ކުޅިވަރުގެ ބައިނަލްއަގުވާމީ ފެންވަރުގެ ކުޅިވަރު ހަރަކާތެއް މިހިތްގައިމު ރަށުގެ ގުދުރަތީ ރީތި "ހުޅަނގުކޮޅު ތުނޑީ" ގައި ބާއްވައި މުޅިދުނިޔެއަށްވެސް އަރިއަތޮޅު ދެކުނުބުރީ ފެންފުއްޓަކީ ފަތުރުވެރިކަމުގެ ހިތްގައިމު މަންޒިލެއްކަމުގައި ދައްކާލައި މިރަށުގެ ރައްޔިތުންނަށް ފަތުރުވެރި ކަމުގެ ސިނާއަތުން ރަށުގައި އަމިއްލަ ގޯތި ގެދޮރުގައި ޓޫރިސްޓް ގެސްޓްހައުސްތައް އަޅައި އޭގެފައިދާ މުޅިރަށުގެ ރައްޔިތުންނަށް ލިބިގެންދާނެގޮތަށް މަގުފަހިކޮށްދިނުމެވެ.




