މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ޑޮމެސްޓިކް ރޭޓުން ބިލުކުރަން ރައީސް ނިންމަވައިފި

ސިޓީތަކާއި ރަށްރަށުގެ އާންމު ތަންތަނާއި މަގުތައް ދިއްލުމަށް ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ނިންމެވުން ރައީސް ހާމަކުރެއްވީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ބަދަލާ އެއްގޮތަށް ބިލުކުރަން ފަށާނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ގެންނަވާ ބަދަލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

މިހާރު އާންމު ތަންތަނާއި މަގުތަކަށް ބިލުކުރަމުން އަންނަނީ ސަރުކާރުގެ އިދާރާތަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ. މި ރޭޓަކީ ޑޮމެސްޓިކް ރޭޓަށްވުރެ މަތީ ރޭޓެކެވެ. މީގެ ކުރިން ޑޮމެސްޓިކް ރޭޓުން ބިލްކުރަނީ ހަމައެކަނި މިސްކިތްތަކަށެވެ. މި ބަދަލާއެކު ކައުންސިލްތަކަށް އާންމު ތަންތަނާއި މަގުތައް ދިއްލުމަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަވެގެންދާނެކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ރައީސް ވަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމަށް އިތުރު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދެވޭ ބްލޮކް ގްރާންޓް ފޯމިއުލާ އިސްލާހުކުރުމަށް ނިންމަވާފައިވެއެވެ. މި ބަދަލުގައި ރަށުގެ ބޮޑުމިނަށް ރިޢާޔަތްކުރެވޭނެއެވެ.

އަދި ހަމައެއާއެކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބަޖެޓް ދެގުނަ ކުރެއްވުމަށާއި، އެ ކޮމިޓީތަކުގެ މެންބަރުންނަށް ލިބޭ ރަމަޟާން މަހުގެ އެލަވަންސް ކައުންސިލް ބަޖެޓުން ދިނުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ