ރައްޔިތުން އެދުމުން ދޮންފަނު ބިންހިއްކުން ކުރިއަށް ނުގެންދަން ރައީސް ނިންމަވައިފި

ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ އޯގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެވުނު މި މަޝްރޫޢުގެ ދަށުން ދޮންފަނުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ރޭވިފައެވެ. ނަމަވެސް މި މަޝްރޫޢުގެ ސަބަބުން ދޮންފަނާ ޖެހިގެން އޮތް ބ. އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވްގައި ހިމެނޭ ހަނިފަރު ބޭއަށް ގެއްލުން ލިބިދާނެކަމުގެ ކަންބޮޑުވުން ރަށުގެ ރައްޔިތުންނާއި، އަތޮޅުގެ ރައްޔިތުންގެ އިތުރުން ތިމާވެށީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ރަށްރަށުގައި ކުރާނެ ކަންކަމާ ބެހޭ ވަޢުދު ވެވަޑައިގަންނަވަނީ އެރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަށް އެދުމުން ކަމަށާއި، ދޮންފަނުގައިވެސް ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ވަޢުދުވެވަޑައިގެންނެވީ އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. "އެގްރީމަންޓް އެކުލަވާލި ފަހުން ރައްޔިތުން އެކަން މިހާރު ބޭނުން ނުވާކަމަށް މަޢުލޫމާތު ލިބިފައިވާތީ، އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ނުގެންދާނެ" ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ރަސްމީކޮށް ސިޓީއަކުން އަންގަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުން ބޭނުންނުވާ ކަމެއް އެރަށެއްގައި ސަރުކާރުން ނުކުރައްވާނެ ކަމަށާއި، މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުރާނެ ސަރުކާރެއް ކަމަށެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢބަދުﷲ މުއްޠަލިބު ވިދާޅުވީ ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ