މާލެ ސަރަހައްދުގައި މަސައްކަތްކުރެވޭ އާބާދީގެ %74.8 މީހުން ވަޒީފާ އަދާކުރަމުންދާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ލޭބަރ ފޯސް ސަރވޭ ރިޕޯޓުން ދައްކައިފިއެވެ.
މި ސަރވޭ ރިޕޯޓުން ދައްކާގޮތުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން އުމުރުން 15 އަހަރުން މަތީގެ މަސައްކަތް ކުރެވޭ މީހުންގެ އާބާދީއަކީ 187،390 އެވެ. މީގެތެރޭގައި 127،696 ދިވެހިންނާއި 59،694 ބިދޭސީން ހިމެނެއެވެ.
މަސައްކަތްކުރެވޭ މީހުންގެ އާބާދީގެ ތެރެއިން 140،255 މީހުން ވަޒީފާ އަދާކުރަމުންދާއިރު، 2،176 މީހުން ދަނީ ވަޒީފާ ހޯދަމުންނެވެ. ވަޒީފާ ހޯދަމުންދާ މީހުންގެ ތެރޭގައި 2،064 ދިވެހިން ހިމެނޭއިރު، އޭގެ ތެރެއިން 1،101 އަކީ އަންހެނުންނެވެ.
ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސައްކަތްކުރެވޭ އާބާދީގެ 24 ޕަސެންޓް ނުވަތަ 44،959 މީހުންނަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ މީހުންނެވެ. ނަމަވެސް މީގެ ތެރެއިން 7،622 މީހުންނަކީ ވަޒީފާ އަދާކުރެވޭނެ ގާބިލުކަން ހުރި މީހުންނެވެ.
ދިވެހި އަންހެނުންނާއި ފިރިހެނުންގެ ވަޒީފާގެ ނިސްބަތަށް ބަލާއިރު، 77.5 ޕަސެންޓް ފިރިހެނުން ވަޒީފާ އަދާކުރާއިރު، 51.6 ޕަސެންޓް އަންހެނުން ވަޒީފާ އަދާކުރަމުންދެއެވެ. މި ސަރވޭގެ މައިގަނޑު ބޭނުމަކީ އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި، ވަޒީފާގެ ބާޒާރުގެ ތަފާސްހިސާބުތައް އެއްކޮށް، އާބާދީގެ ޕްރޮޖެކްޝަންތައް އަޕްޑޭޓްކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމެވެ.