ތިން ގައުމެއްގައި ތިބި 103 ދިވެހިން ރާއްޖެ ގެނަސްފި އެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ 3 ޤައުމެއްގައި ތިބި 103 ދިވެހިންނާއިއެކު ސްރީލަންކަން އެއަރލައިންސްގެ ފްލައިޓް މިއަދު ހެނދުނު ރާއްޖެ އައިސްފައިވާކަމަށެވެ.
މި ފްލައިޓުން ރާއްޖެ އައިސްފައިވަނީ ބެލަރޫސް އަދި އިނގިރޭސިވިލާތުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވި ފަރާތްތަކާއި، ސްރީލަންކާގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އައި ފަރާތްތައް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރާއްޖެ އައިސްފައިވަނީ ބެލަރޫސްގައި ތިބި 48 ދިވެހިންނާއި އިނގިރޭސިވިލާތުގައި ތިބި 23 ދިވެހިންނާއި ލަންކާއިގައި ތިބި 32 ދިވެހިން ކަމަށެވެ. މި 103 ދިވެހިން މިހާރު ކަރަންޓީން ފެސިލިޓީތަކަށް ގެންދެވިފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ލަންކާއިން ހަމައެކަނި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ގެނެސްފައިވަނީ ފްލައިޓްގައި ސީޓް ލިބެން ހުރީ ވަރަށް ލިމިޓެޑްކޮށް ކަމަށްވާތީ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.