ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފައްދަވައިފި

ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ ބޭހާއި މެޑިކަލް ތަކެތި ފޯރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި އައު ކުންފުންޏެއް އުފައްދަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވޭ ކުންފުންޏެކެވެ.

މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ މިފަދަ ހުރިހާ ވަޞީލަތްތަކެއް ފޯރުކޮށްދިނުމަކީވެސް މި ކުންފުނީގެ މުހިންމު ޒިންމާއެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ސިއްޙީ ނިޒާމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އަދި އެހެނިހެން ވަޞީލަތްތައް ހޯދުމުގައި ދިމާވާ ދަތިތަކެވެ. މި މައްސަލަ ޙައްލުކުރުމަށްޓަކައި ޚާއްސަ ކުންފުންޏެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިން އިޢުލާންކުރައްވާފައެވެ.

ސަރުކާރުން ސިއްޙީ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާއިރު، އަތޮޅުތެރޭގެ އެކި ރަށްތަކާއި މާލެ ސަރަޙައްދުގައި އިތުރު ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ. މީގެ އިތުރުން، އާސަންދަ ސްކީމްގެ ދަށުން އިތުރު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ