ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ސާބަސްދެން: ރައީސް މުޢިއްޒު

ސައުތު އޭޝިއަން ސުޕަރ ކަޕުގެ ޗެމްޕިއަންކަން ހޯދައި ދިވެހި ޤައުމީ ޓީމު ހޯދި އުފާވެރި ކާމިޔާބީއަށް ފަޚުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ޓީމަށް އައްސަރިބަހާއި ސާބަސް ދެއްވައިފިއެވެ.

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދާފައިވަނީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގުގެ މެޗުތަކުން 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މި މުބާރާތުގެ ފުރަތަމަ ލެގުގައި ރާއްޖެއިން ވަނީ 3-0 ގެ ފަހި ނަތީޖާއެއް ހޯދާފައެވެ. އަދި ދެވަނަ ލެގު ނިމިގެން ދިޔައީ 1-1 އިން އެއްވަރުވެގެންނެވެ.

ޤައުމީ ޓީމުގެ މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، "ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވަން" ވިދާޅުވެފައިވެއެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ލެގުގެ މެޗުގައި ރާއްޖެއަށް ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 67 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ފޭދޫ އިއްބެ ބޮލުން ފޮނުވާލި ހަމަލާއެއް، ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މީގެ ކުރިން އާދީއްތަ ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޓީމަށް ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވާފައެވެ. މި ކާމިޔާބީއަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ