ހެވީފޯސް އާއެކު ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ - ފޮޓޯ: މިނިސްޓްރީ

ތިން ރަށެއްގައި ބަނދަރު ހަދަން 93 މިލިއަނަށް ހެވީފޯސް އާ ހަވާލުކޮށްފި

ތިން ރަށެއްގެ ބަނދަރު މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް 93.3 މިލިއަން ރުފިޔާއަށް ހެވީފޯސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައިވަނީ ތ.އޮމަދޫ، ދ.ރިނބުދޫ އަދި ސ.މަރަދޫ ފޭދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގައެވެ.

މި އެއްބަސްވުންތަކުގައި ހެވޯ ފޯސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރު ސޮއިކުރެއްވިއިރު، ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤްއެވެ.

އޮމަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ހެވީފޯސް އާއި ހަވާލުކޮށްފައިވަނީ 366 ދުވަހުން ނިންމުމަށް 32.2 މިލިއަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގެ ދަށުން އޮމަދޫ ބަނދަރުގައި 307 މީޓަރުގެ ބޭރުތޮށި ޖެހުމާއި، 388 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 123 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ނެރުބައްތި ޖެހުމާއި، އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ޖެހުމާއި، ބަނދަރު ފުންކުރުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުން އަދި ބަނދަރުގައި 11m x 11m ގެ ރޭމްޕެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރިނބުދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ހެވީފޯސް އާއި ހަވާލުކޮށްފައިވަނީ 240 ދުވަހުން ނިންމުމަށް 29.4 މިލިއަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގެ ދަށުން ރިނބުދޫ ބަނދަރުގައި 20 މީޓަރުގެ ގްރޯއިން ޖެހުމަށާއި، 254 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށްޓެއް ޖެހުމަށާއި، 65 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 38247 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ ބޭރު ތޮށި ޖެހުމާއި، 23.5 މީޓަރުގެ ވޯލްކްވޭއެއް ޖެހުމާއި، ނެރުބައްތި ޖެހުމާއި، އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ޖެހުމާއި، ބަނދަރު ފުންކުރުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުން އަދި ބަނދަރުގައި 11m x 11m ގެ ރޭމްޕެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސ.މަރަދޫ ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ހެވީފޯސް އާއި ހަވާލުކޮށްފައިވަނީ 366 ދުވަހުން ނިންމުމަށް 31.7 މިލިއަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގެ ދަށުން މަރަދޫފޭދޫ ބަނދަރުގައި 243 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށްޓެއް ޖެހުމަށާއި، 100 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށާއި، 260 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށްޓެއް ޖެހުމަށާއި، ނެރުބައްތި ޖެހުމާއި، 42 މީޓަރުގެ ގްރޯއިން ޖެހުމުގެ އިތުރުން އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ޖެހުމަށް އަދި ބަނދަރު ސަރަހައްދުގައި ލައިޓް ޖެހައި ރޭމްޕެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ތިން ރަށެއްގެ ބަނދަރު ހެދުމުގެ އެއްބަސްވުންތަކުގައި ސަރުކާރުން މިއަދު ސޮއިކުރެއްވިއިރު، އިއްޔެ ވަނީ ށ.ނޫމަރާ ބނަދަރާއި، ނ.ހެނބަދޫ ބަނދަރުގެ އިތުރުން ސ.މީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައިވެސް ސޮއިކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ