ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން ވިދާޅުވީ، މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ 93 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
އެކުންފުނިން ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން 29,167.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 22،694 މީޓަރުގެ ސަރަހައްދެއްގެ ފަޅުފުން ކުރުމާއި، 108 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 302 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އަދި 558 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭއިރު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 48.29 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 10 ނޮވެމްބަރ 2019 ގައެވެ.