ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސަކަށް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް އަދި ނައިބު ރައީސަކަށް މުޙައްމަދު ނާސިޙް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ނައިބު ރައީސްގެ މަގާމަށް މުޙައްމަދު ޝަފީގް މަޙްމޫދު އައްޔަންކުރުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ސީއެސްސީގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ ކުރީގެ މެންބަރުންގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. މި މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، ދެ ބޭފުޅުންވެސް މަގާމުތަކަށް ޝަރުތު ހަމަވާކަމަށް ނިންމާފައިވެއެވެ.
މަޖިލީހުގެ ވޯޓުގައި ސީއެސްސީގެ ރައީސަކަށް މުޖުތާޒް އައްޔަންކުރުމަށް 68 މެންބަރުން ތާއީދުކުރިއިރު، ނައިބު ރައީސަކަށް ނާސިޙް އައްޔަންކުރުމަށް 64 މެންބަރުން ވަނީ ތާއީދުކޮށްފައެވެ. ނާސިޙަކީ މީގެ ކުރިން ސީއެސްސީގެ ރައީސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ މޫމިނާ ވަހީދުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. މި މަގާމަށް ޝަފީގް އައްޔަންކުރުމަށް މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފާސްކުރުމަށްފަހު، މަޖިލީހުގެ ތަޅުމުން 67 މެންބަރުންގެ ތާއީދު ލިބިފައިވެއެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ ތެރެއިން ކޮމިޝަންތަކުގެ ރައީސުންނާއި ނައިބުން އައްޔަންކުރެއްވުމަށް ޤާނޫނީގޮތުން ހަމަޖެހިފައިވަނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.