ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެމްބަރުކަމުގެ މަޤާމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ. މިގޮތުން ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދާއި ސ. ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމްއެވެ.
މި ދެ ބޭފުޅުން މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރަސްމިއްޔާތުގައި ދެ ބޭފުޅުންނަށް މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.
ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް ޢައްޔަންކުރެއްވި ދެ މެންބަރުންނަށް މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ. މި ދެ ބޭފުޅުން ޢައްޔަންކުރައްވާފައިވަނީ ކޮމިޝަންގެ ނާއިބު ރައީސް މޫމިނާ ވަޙީދު އާއި މެންބަރު އާމިނަތު ޝިފާތު ޢަބްދުލްރައްޒާޤުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަންގައި މިހާރު ތިއްބެވި އެހެން މެންބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާއާއި، ސަމާޢު އަޙްމަދު ނަޖީބު އަދި އިސްމާޢީލް ޙަބީބެވެ. އަލަށް ޢައްޔަންކުރެއްވި ދެ މެންބަރުންނާއެކު މިހާރު ވަނީ ކޮމިޝަންގެ ހުރިހާ މަޤާމުތަކެއް ފުރިހަމަވެފައެވެ.



