ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ކުރީގެ މިނިސްޓަރ، ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މިކަމަށް މަޖިލީހުގެ ތެރެއިން ލިބިފައިވަނީ 63 މެންބަރުންގެ އަގުލަބިއްޔަތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޑރ. ރަމީލާގެ ނަން މަޖިލީހަށް ފޮނުއްވީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
ޑރ. ރަމީލާ އަކީ މި ސަރުކާރުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއަށް އައްޔަން ކުރެއްވި ފުރަތަމަ ވަޒީރެވެ. ނަމަވެސް، އެކަމަނާ ވަޒީރުކަމުން އިސްތިއުފާ ދެއްވީ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ކަމަށް ވިދާޅުވެ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ އައްޔަންކުރައްވަން ޖެހިފައިވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ. ޤާނޫނުގައި ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހުސްވެއްޖެނަމަ ނުވަތަ މަގާމުގެ މުއްދަތު ހަމަވާނަމަ، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފުރުސަތު ހުޅުވާލަން ޖެހެއެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ އެ ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވައި، މަޖިލީހުން ފާސްވުމަށްފަހުއެވެ.
އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވާއިރު، މިހާރު ކޮމިޝަނުގައި ތިއްބަވަނީ ރައީސް މަރިޔަމް މުނާގެ އިތުރަށް ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާއު އަހުމަދު ނަޖީބާއި، އިސްމާއިލް ހަބީބް އާއި އަޙްމަދު މަޤުސޫމެވެ. ޑރ. ރަމީލާ އައްޔަންކުރެއްވުމާއެކު އެޗްއާރުސީއެމްގެ މެންބަރުންގެ ޢަދަދު ފުރިހަމަވެ، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް އިތުރު ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެއެވެ.



