ޤަޠަރަށް ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތަށް ދިން ހަމަލާއެއް: ރައީސް

ޤަތަރުގެ ވެރިރަށް ދޯހާއަށް ޔަހޫދީ ދައުލަތުން ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތައް ދެވުނު ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ޤަތަރުގައި މިހާރު ކުރިއަށްދާ އަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ފަލަސްޠީނުގެ މައްސަލައިގައި ޤަތަރުން އަދާކުރަމުންދިޔައީ ސުލްހަވެރި މެދުވެރިއެއްގެ ދައުރު ކަމަށް ފާހަގަކުރައްވާފައެވެ. "މިއީ ޤަތަރުގެ މަސައްކަތާމެދު ނުރުހުންވެ އަނިޔާވެރިކަން އިސްކުރަންޖެހޭ ކަމެއް ނޫން" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ފާހަގަކުރައްވައި، ޑޮކްޓަރުންނާއި ނޫސްވެރިންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އާންމު ރައްޔިތުން އަމާޒުކޮށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާފައެވެ. އަދި މިކަންކަމާ ގުޅިގެން އިސްރާއީލާ މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކޮށް، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ޔަހޫދީ ދައުލަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި އެއް އުއްމަތެއްގެ ގޮތުގައި ގުޅިގެން މިފަދަ ހަމަލާތަކާ ދެކޮޅަށް ތެދުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވަނީ ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާނެ ޤައުމެއްކަން ފާހަގަކުރައްވައި، މި ސަމިޓަކީ ހަމައެކަނި ވާހަކަތަކަށްވުރެ ޢަމަލީ ފިޔަވަޅުތައް އެޅޭ ސަމިޓަކަށް ހެދުމަށް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ