ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ ސިއްޙީ ނިޒާމެއްގައި މި ދުވަހަކީ އެންމެ މުހިންމު ދުވަސްކަމަށެވެ. މިއަހަރުގެ ޝިއާރުގައި ޚާއްސަ އަހައްމިއްޔަތުކަމެއް ދީފައިވަނީ ކުޑަކުދިންނާއި އަލަށް އުފަންވާ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ލައިސެންސިންގ ސޮފްޓްވެއަރ އިފްތިތާހުކުރުމާއި، ޕޭޝަންޓް ސޭފްޓީ ޗެންޕިއަންސް ޓްރެއިނިންގ ޕްރޮގްރާމް ފެށުން ހިމެނެއެވެ.
"ދިވެހިރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވަނީ މިއަދުގެ ސަރުކާރުން އެންމެ މުހިންމު އެއް ކަމެއްދެނީ ސިއްހީ ހިދުމަތްދިނުން ފުޅާކުރުމާއި، ސިއްހަތު ފެންވަރު ރަނގަޅުކުރުމާއި، ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި މިހާތަނަށް ރަށްރަށުގެ ސިއްޙީ ޚިދުމަތް ކުރިއެރުވުމަށް 400 އަށްވުރެ ގިނަ މުވައްޒަފުންނާއި، މާލެ ސަރަޙައްދަށް 500 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ނެރެވިފައެވެ. މީގެއިތުރުން، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ޤާނޫނުތައް އިޞްލާޙުކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														
