ވ. ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށާއި، އަދި އަންނަ އަހަރުގެ ކުރީކޮޅު އެރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކެޔޮދުއަށް ކުރެއްވި ދަތުރުފުޅެއްގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަހަރުގެ އެންމެ ކުރީކޮޅު 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި މިއީ ރަށުގެ ކުރިމަގާ ގުޅިފައިވާ އެންމެ މުހިންމު މަސައްކަތް ކަމަށް ފާހަގަކުރެއްވިއެވެ.
"ބިމުގެ ދަތިކަމުގެ ސަބަބުން އެހެނިހެން ކުރިއެރުން ހޯދުމަށް ދަތިވޭ. ލޯކަލް ޓުއަރިޒަމްގެ އިތުރު އެކި ފުރުޞަތުތައް މި މަޝްރޫޢާއެކު ހުޅުވޭނެ،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަން ފާހަގަކުރައްވައި، ސްކޫލްގެ އައު އިމާރާތާއި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. ޞިއްޙީ މަރުކަޒުގައި ލެބޯޓަރީއާއި އެހެނިހެން މުހިންމު ވަސީލަތްތައް ޤާއިމުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކެޔޮދޫ ސްކޫލްގެ ކަރަންޓު މައްސަލަ ޙައްލުކޮށްދެއްވުމާއެކު، ސްކޫލްތައް އޭސީކުރުމުގެ މަޝްރޫޢުގެ ދަށުން ކްލާސްރޫމްތަކާއި ސްޓާފް ރޫމްތައް އޭސީކުރެވޭނެ ކަމަށެވެ. އަދި ފުޓުބޯޅަދަނޑު އިތުރަށް ތަރައްޤީކުރުމާއި ކުޅިވަރު ވަސީލަތްތައް ތަރައްޤީކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކެޔޮދޫގައި މިހާރު 18 ގެސްޓްހައުސް ހިންގަމުންދާއިރު، ފަތުރުވެރިކަމަށް ސަރުކާރުން ފަހިކޮށްދޭ ލޯނު ސްކީމްތަކުގެ ލުއިފަސޭހަކަންވެސް ރަށްރަށަށް ހޯއްދަވައިދެއްވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
 
								
 
											
 
								 
								 
								
 
														
 
														 
														 
														 
														 
														 
														