ކެޔޮދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ފެލިދެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫއަށް ވަޑައިގެން، އެ ރަށު ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި މައިގަނޑު ކަންކަމުގެ ތެރޭގައި، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކުމުގެ މަޝްރޫޢެއް ފެށުމުގެ މުހިންމުކަމާއި، ޞިއްޙީ މަރުކަޒަށް މުވައްޒަފުން ލިބުމުގެ ދަތިކަން ހިމެނެއެވެ. އަދި ރަށުގެ އިޤުތިޞާދީ ކުރިއެރުމަށްޓަކައި ކައިރީގައިވާ ފަޅު ލިބޭނެގޮތް ހައްދަވައިދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

ސްކޫލުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގަތުމުގެ އިތުރުން، ކެޔޮދޫއަކީ ރަށު ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށަކަށްވުމާއެކު، ޑޮލަރު އޭޓީއެމެއް ރަށުގައި ޤާއިމުކުރުމުގެ މުހިންމުކަން ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްޞާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ