ވ. ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރަން އެރަށުގެ 80 ޕަސެންޓް މީހުންގެ ތަޢީދު ލިބޭނަމަ، އެކަން އެގޮތަށް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރަކީދޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ގިނަ ރައްޔިތުން ވަނީ މާލެ ކައިރިން އަލަށް ތަރައްޤީކުރާ ރަށަކަށް ބަދަލުވުމުގެ ރޭވުން އޮތްކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ރަސްމާލެ، ގުޅިފަޅު ނުވަތަ އެނޫންވެސް، ދިރިއުޅުމުގެ ވަސީލަތްތައް ފުރިހަމަ، މާލެ ކައިރި ތަނަކަށް ހިޖުރަކުރެވޭނެ މަގު ފަހިކޮށްދިނުމަށް އެދިފައިވެއެވެ.
"ރަށުގައި އުޅޭ މީހުން އެކަންޏެއް ނޫން. ރަށުން ބޭރުގަ އުޅޭ ރަށުގެ ރައްޔިތުންގެ ޚިޔާލުވެސް ހޯދާނަން. ބޭނުންވަނީ ހަމައެކަނީ މެޖޯރިޓީ 50 އެއް ނޫން. 80 ޕަސެންޓްގެ ތާޢީދާއެކު މީހުން ބަދަލުކުރުމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ ރަށުން މީހުން އެހެން ރަށަކަށް ހިޖުރަކުރި ނަމަވެސް، ރަށުގައި މިހާރު ފަށާފައިވާ ރަށު ފަތުރުވެރިކަމުގެ ވިޔަފާރިތައް ހުއްޓާލަން ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިވަގުތު ރަކީދޫގައި ދެ ގެސްޓްހައުސް ހިންގަމުންދާއިރު، އިތުރު މަސައްކަތްތަކަށް ބިންތައް ދޫކުރަމުންދާކަން ފާހަގަކުރެވެއެވެ.
ރައްޔިތުން އެދިފައިވަނީ ވަގުތުން ވަގުތަށް ބަދަލުވުމުގެ ބަދަލުގައި، ހަމަޖެހިގެން ދިރިއުޅެވޭނެ އިންތިޒާމުތަކާއެކު ބަދަލުވުމަށެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވެފައިވަނީ ރައްޔިތުން ބަދަލުކޮށްދެއްވާނީ ވަސީލަތްތަކާއި ޚިދުމަތްތައް ފުރިހަމަ ތަނަކަށްކަމަށާއި، ދިރިއުޅެވޭނެ ގެއާއި ހިޖުރަކުރުމަށް ސަރުކާރުން ދޭންޖެހޭ ބަދަލުވެސް ދެއްވާނެކަމަށެވެ.
މީގެއިތުރުން ރައްޔިތުން އެދިފައިވާ ދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ރައީސް ވަނީ އާރްޓީއެލް ފެރީގެ ނިޒާމުގެ ތެރެއިން، އަންނަ އަހަރުގެ މާރިޗުގެ ކުރިން އެކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.




