ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކާއެކު ނިލަންދޫގައި އަރބަން ސެންޓަރެއްގެ ހަޤީގީ ކުލަ ޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ފ. ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް، އަރބަން ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތްތަކަށް ޚާއްސަ އިސްކަމެއް ދެއްވަމުންދާއިރު، ނިލަންދޫގެ އެއަރޕޯޓް މަޝްރޫޢަކީ މިކަމަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތް ކަމުގައި ފާހަގަކުރެއްވިއެވެ. "އެންމެ ގިނަވެގެން ދެ އަހަރާ ބައިގެތެރޭގައި އެއަރޕޯޓްގެ މަސައްކަތް ނިންމާނަން. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ވަރަށް މުހިންމު މަސައްކަތެއް" ރައީސް ވިދާޅުވިއެވެ.
ރަށުގެ އެންމެ ބޮޑު އެއް މައްސަލައަކަށްވާ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް ގްރެވިޓީ ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، 2 އަހަރުގެތެރޭގައި މި މައްސަލައަށް ދާއިމީ ހައްލު ގެނެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ފެނުގެ ނިޒާމުގެ ވިއުގަ ޤާއިމުކުރުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން އެ ޚިދުމަތް ފެށޭނެކަމަށްވެސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި، އަންނަ އަހަރު ޒަމާނީ އިސްލާމީ މަރުކަޒަކާއި ފެންވަރު ރަނގަޅު ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، ސައުދީ ފަންޑުގެ އެހީގައި 50 އެނދުގެ ފުލް ފްލެޖް ހޮސްޕިޓަލެއް ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ.
ރައީސް ވިދާޅުވީ މި ހުރިހާ މަޝްރޫޢުތަކެއް ނިމިގެންދާއިރު، ނިލަންދޫ ވެގެންދާނީ އެންމެ ކުރިއަރާފައިވާ އަރބަން ސެންޓަރުތަކުގެ ތެރެއިން އެއް ސެންޓަރަށް ކަމަށާއި، ރަށަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެގެންދާނެ ކަމަށެވެ.



