ރައީސް ދަރަނބޫދުއަށް، އޭޓީއެމްގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވައި ޞިއްޙީ މަރުކަޒުގެ ބިންގާ އަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދުއަށް ވަޑައިގެން، އެރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، އަދި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

ރައީސް މުޢިއްޒު ދަރަނބޫދުއަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. މިއީ މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާ ނުވަވަނަ ރަށް ކަމާއި، ފ. އަތޮޅުން ވަޑައިގަންނަވާ ހަތަރުވަނަ ރަށްކަން ފާހަގަކޮށްލެވެއެވެ.

ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ ހަނދާނީ ބޭންކު ކާޑެއް ދަރަނބޫދޫ ކައުންސިލާ ހަވާލުކުރައްވާފައެވެ. މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތްތައް ލިބެން ހުންނާނެއެވެ. އަތޮޅުތެރޭގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 12 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ޤާއިމްކޮށްފައެވެ.

ހަމައެއާއެކު، ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ ބިންގާ އަޅުއްވައިދެއްވާފައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުތައް ނިމުމުން ދަރަނބޫދޫގެ ރައްޔިތުންނަށް ބޭންކިންގ އަދި ޞިއްޙީ ދާއިރާއިން ފުރިހަމަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ނިމުމުން މާލެއަށް ބޭސްފަރުވާއަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ރައްޔިތުންނަށް ސިއްޙީ އަދި މާލީ ގޮތުން ވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ