ދެ ގަޑިއިރު ތެރޭގައި 81 ބިދޭސީން އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 81 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފިއެވެ. މި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ މި ބޮޑު ރެއިޑް އޮޕަރޭޝަނުގައި ޓާސްކް ފޯސްއިން 463 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 932 ބިދޭސީން ޗެކު ކުރިއެވެ. އަދި ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިޔަކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކާއި ހިއްސާކޮށްފައިވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އެކިކަންކޮޅުތަކުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، އެ ތަންތަން ބަންދު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ވިޔަފާރިތައް ހިންގާ ބިދޭސީން ޑީޕޯޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއްވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފެށި "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 178،982 ބިދޭސީންގެ މައުލޫމާތު ނަގައި، 8،609 މީހުން ވަނީ ޑީޕޯޓުކޮށްފައެވެ. މި އޮޕަރޭޝަންތަކަކީ ރާއްޖޭގައި އިތުރުވަމުންދާ ގަވާއިދާ ހިލާފު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ