މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް "އިމިގްރޭޝަން އިންސައިޓްސް" ގެ ނަމުގައި އައު ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް އަޙްމަދު ފަސީހު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މަޢުލޫމާތުތައް ތަފްޞީލާއެކު އާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި ޕާސްޕޯޓު ފޮޓޯގެ މިންގަނޑުތަކާއި، ސްޕޮންސަރޝިޕް ޑެކްލެރޭޝަނާއި، ޑިޕެންޑެންޓް ވިސާއަށް އެދި ހުށަހެޅުމުގެ އުސޫލުތައް ހިމެނެއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ޕޯސްޓްތަކާއި ކުރު ވީޑިއޯތައް މެދުވެރިކޮށް އިމިގްރޭޝަން އޮފިސަރުން ތަފްޞީލީ މަޢުލޫމާތު ފޯރުކޮށްދޭން ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމް މި މަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮފިސަރުންނަށް އަމާޒުކޮށްގެން ތިން ކެމްޕޭނެއް މިހާރުވެސް ދަނީ ކުރިއަށެވެ. އެއީ ހިނިތުންވުމާއެކު ޚިދުމަތްދިނުމާއި، ނަޒާހާތްތެރިކަން އިސްކުރުމާއި، އިންސާނިއްޔަތުކަން ދެމެހެއްޓުމުގެ ކެމްޕޭންތަކެވެ.
އިމިގްރޭޝަނުން ފާހަގަކުރެއްވި ގޮތުގައި އިންސާނިއްޔަތުކަން ދެމެހެއްޓުމުގެ ކެމްޕޭނުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެނީ ޚިދުމަތް ހޯދާ އެންމެހައި ފަރާތްތަކާމެދު އިޙްތިރާމާއި، ހަމަހަމަކަމާއި، ޤަދަރުވެރިކަމާއެކު މުޢާމަލާތްކުރުމުގެ މުހިންމުކަން އަންގައިދިނުމަށެވެ.