ނުނަގައި ގިނަ ދުވަސް ވެފައިވާ ޕާސްޕޯޓުތައް 31 ޑިސެމްބަރުގެ ފަހުން ކެންސަލްކުރަނީ

ޕާސްޕޯޓު ހެއްދުމަށްފަހު، ނުނަގައި ގިނަ ދުވަސް ވެފައިވާ ޕާސްޕޯޓުތައް، 31 ޑިސެމްބަރުގެ ފަހުން ކެންސަލް ކުރާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިއުލާނު ކުރިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ދިވެހި ޕާސްޕޯޓު ހެއްދުމަށްފަހު، ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ 6 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތްތަކަށް، މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި މުއްދަތުގެ ނިޔަލަށް ޕާސްޕޯޓާ ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް، ޕާސްޕޯޓާބެހޭ ޤަވާއިދުގެ 19 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކެންސަލް ކުރެވޭނެއެވެ. ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގައިވާ ގޮތުން ޕާސްޕޯޓު ހެއްދުމަށްފަހު، ނުނަގައި 6 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ޕާސްޕޯޓުތައް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކަނޑައަޅާ މުއްދަތަކަށްފަހު ބާތިލު ކުރެވޭނެއެވެ.

އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، ޕާސްޕޯޓު ހެއްދުމުގެ ކަންކަން މިހާރު ވަނީ ވަރަށް ބޮޑަށް ފަސޭހަކޮށްދީފައެވެ. އަދި މާލެ ފިޔަވައި އެހެން ސިޓީތަކާއި އަތޮޅުތަކުގައިވެސް ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

އެހެންކަމުން، އަވަހަށް ޕާސްޕޯޓާ ހަވާލުނުވެއްޖެނަމަ، އަލުން ޕާސްޕޯޓު ހައްދަން ޖެހި، އިތުރު ޚަރަދުތަކެއް ކުރަން ޖެހިދާނެތީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ